Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ފްރީ ޓްރޭޑް އެގްރީމަންޓު މަޖިލީހުން ކުރިއަށް ގެންދަން ބޭނުން ނުވެދާނެ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ / މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއާ އެކުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުން އެ އޮތް ގޮތަށް ކުރިއަށް ގެންދަން ރައްޔިތުން މަޖިލީހުން ބޭނުންވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ޗައިނާއާ އެކުގައި އިތުރު ގޮތްތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަކަށް އުއްމީދު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޗައިނާއިން ޖެހޭނީ ދަރަނީގެ މިންވަރު ހަގީގީ މިންވަރަށް ކުޑަކުރަން ކަމަށް އޭނާ ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އިދިކޮޅުގައި ތިބޭއިރު ވަކާލާތު ކުރާ ބަދަލުތައް ގެނައުމަކީ ސަރުކާރަށް އައުމަށްފަހު ކުރަން އުނދަގޫ ކަމެއް ކަމަށެވެ. މިފަދައިން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށް އަހަރެއް ވީ އިރު ވެސް އެއްވެސް އެއްބަސްވުމެއް އުވާލައިފައި ނުވާ ކަމަށާއި އެކަން ތަފްސީލުކޮށްދެއްވާނީ ކިހިނެއްތޯ ދަ ހިންދޫ ނޫހުން ސުވާލު ކުރުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ދީފައިވާ ލޯނުތަކުގެ އިންޓްރެސްޓު މާ ބޮޑު ކަމަށެވެ. އަދި މަޝްރޫއުތަކަށް ހޭދަވާނެ ކަމަށް ކަނޑައަޅާފައިވާ އަގުތަކަކީވެސް ބޮޑެތި އަގުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއާ ޗައިނާއާ އޮތީ ގާތް ގުޅުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޗައިނާއާ ދެކޮޅަށް ރައީސް ނަޝީދު މިފަހަކަށް އައިސް އަންނަނީ ވަރަށް ގިނައިން ވާހަކަދައްކަމުންނެވެ. އަދި ވަކިން ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކުގެ އަގުތަކާއި ގުޅޭ ގޮތުން އެމަނިކުފާނު އަންނަނީ ވާހަކަދައްކަވަމުންނެވެ.