ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަތަކެއް ނަގަމުން ގޮސް، ބޭއަދަބީ ވާހަކަތަކެއް މަޖިލީހުގައި މެންބަރުންތަކެއް ދައްކަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާކޮށް ނެރުނު ރިޕޯޓަކާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަކަށް ބަހުސް ކުރުމެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ރިޔާސަތުން ދެއްވި ފުރުސަތުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ނިޒާމީ މައްސަލައެއް ނެންގެވިއެވެ. ނިޒާމީ މައްސަލައެއް ތޯރިގު ނެންގެވީ، ބިލެތްދޫ ދާއިރާގެ މެންބަރުގެ ވާހަކަފުޅުގައި މަޖިލިސް މެންބަރެއްގެ ޒާތީ މައްސަލައަކާއި ގުޅިގެން ވާހަކަފުޅު ދެއްކެވުމުންނެވެ.
ތޯރިގުގެ ވާހަކަފުޅަށްފަހު މަޖިލީހުގެ ރިޔާސަތުން އަނެއްކާވެސް، ބިލެތްދޫ ދާއިރާގެ މެންބަރަށް ފުރުސަތު ދެއްވިއެވެ. އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް އިތުރު ނިޒާމީ މައްސަލައެއް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ނެންގެވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އެމްޑީޕީގެ މެންބަރުންނަން ވަކި ހާއްސަ އިމްތިޔާޒުތަކެއް ފުރުސަތުތަކެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތަށް އަމަލު ކުރެއްވުމަށް ސައީދު އިލްތިމާސް ކުރެއްވިއެވެ.
"އެހެން މެންބަރަކު އެއްޗެއް ވިދާޅުވާއިރަށް އެޔަށް އިންޓްރަޕްޓުކޮށް އަމިއްލަފުޅު ސްޕީޗެއް ދެއްވާތަން ފެންނަނީ، އެހެންވީމަ އެއީ އެއްވެސް ގަވާއިދެއްގައި އޮންނާނެ ގޮތެއް ނޫން،" ސައީދު ވިދާޅުވިއެވެ.
ސައީދުގެ ނިޒާމީ މައްސަލައަށްފަހު މަޖިލީހުގެ ރިޔާސަތުން އަނެއްކާވެސް ބިލެތްދޫ ދާއިރާގެ މެންބަރަށް ވާހަކަ ކުރިއަށް ގެންދެއްވުމަށް ފުރުސަތު ދެއްވިއެވެ. ނަމަވެސް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އެމަނިކުފާނުގެ ނިޒާމީ މައްސަލާގައި ވިދާޅުވީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކީ ފިނިފެންމަލެއް ކަމަށް މާވަށު ދާއިރާގެ މެންބަރު ވަނީ މީގެކުރިން ސިފަ ކުރައްވާފައި ކަމަށެވެ. އެފަދައިން ވިދާޅުވުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ނިޒާމީ މައްސަލައެއް ނެންގެވިއެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑަށް ވެސް ދެންނެވި ދާނެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަޅުގަނޑަށް ސިފަވަނީ ތެޔޮ ބި-އެއް ހެނޭ. އެކަހަލަ ވާހަކައެއް އަޅުގަނޑަށް ނުދެއްކޭނެ. އިއްޒަތްތެރި ރައީސް ހުއްޓުވަން ޖެހޭ ވާހަކަތައް ނުހުއްޓުވާ ތި ގެންދަވަނީ ފުރުސަތު ދެމުން މަނިކުފާނުގެ ޕާޓީ މެންބަރުންނަށް،" ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޝަމީމްގެ ވާހަކަތަކަށް ރައްދު ދެއްވާ ސައީދު ވިދާޅުވިއެވެ.
"އެކި މީހުންނަށް އެކި އެއްޗެހި ފެންނާނީ، ބައެއް މީހުންނަށް ތެޔޮ ބި- ފެންނާނެ، ރާފުޅިވެސް ފެންނާނެ ބިޔަރު ދަޅުތައް ފެންނާނެ ފިނިފެންމާވެސް ފެންނާނެ،" މަޖިލީހުގެ ރިޔާސަތުން މަޖިލިސް ގެންދަވާ ގޮތުން ސައީދު ހިތްޕުޅު ހަމަނުޖެހި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ސައީދުގެ ނިޒާމީ މައްސަލަ ބަލައި ނުގަންނަވާ އަނެއްކާވެސް މަޖިލީހުގެ ރިޔާސަތުން ހުށަހެޅިފައިވާ މައްސަލައަށް ބަހުސް ކުރެއްވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމަށް ފުރުސަތު ދެއްވިއެވެ. ނަމަވެސް އެމަނިކުފާނަށް މިފަހަރުވެސް ވާހަކަފުޅު ކުރިއަށް ނުގެންދެވުނެވެ. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ.
"މާވަށު ދާއިރާގެ މެންބަރު ސައީދު ރައީސުލްޖުމްހޫރިއްޔާއާ ފިނިފެންމަލަކާއި އެއްވަރު ކުރެއްވެވުމަކީ ހަމަ ސީދީ ފިރި—-. އެކަން ކުރާތީ ފިނިފެންމަލެކޭ ފިނިފެންމަލުގެ އަރާމާ ލޯތްބޭ، ފިނިފެންމަލަކީ އަންހެން ކުދިންނަށް ދީ އުޅޭ އެއްޗެއް. ދެން ކޮން ވާހަކައެއް މިތާ ދައްކަނީ. ހަމަ ސީދާ ލަ——-،" ޝަމީމް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މަޖިލީހުގައި ވާހަކަދައްކަން ޖެހޭނީ އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނަމަވެސް މަޖިލީހުގައި ދެއްކޭ އެއްވެސް ވާހަކައަކީ ޝަރުއީ ކޯޓެއްގައި އަދި އެނޫންވެސް ތަނެއްގައި ދައުވާ ކުރެވޭނެ ވާހަކަތަކެއް ނޫނެވެ.