Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން މަޖިލީހުގައި އަރާރުމަކަށް

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި ދީނާ ޚިލާފު ވާހަކަތަކެއް ހުރުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމުން، އެމްޑީޕީގެ މެމްބަރުން އެކަމަށް ފާޑުވިދާޅުވެ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދީނަށް ފުރައްސާރަކުރި މައްސަލަ ނުބެލީ ކީއްވެތޯ ބުނެ މަޖިލީހުގައި އަރާރުމަކަށް ގޮސްފިއެވެ.

މިއަދުގެ މަޖިލިސް ހޫނުވެގެން ދިޔައީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ކުރީގެ ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަ މަޖިލީހުގައި އިއްވުމާ ގުޅިގެންނެވެ.

އާޒިމް ވަނީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތަކުގެ އޯޑިއޯ މަޖިލީހުގައި އިއްވާފައެވެ. އެގޮތުން ﷲ ގެ ދެވަނަ ދަރިންނެއް ނޫން ކަމަށް ޔާމީން ދެއްކެވި ވާހަކައާއި، ފައިސާ ފޮއްޗެއް ލިބިއްޖެނަމަ ނުހިފާނީ ކާކުތޯ ބުނެ ޔާމީން ދެއްކެވި ވާޙަކަ މަޖިލީހުގައި އިއްވާފައެވެ.

އެކަމާ ދެކޮޅު ހަދަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ އޯޑިއޯ އިއްވުމުން މަޖިލީހުގެ ގަވާއިދާއި ޚިލާފު ވެފައިވާ ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވާފައެވެ. ނަމަވެސް ޚިލާފުވެފައިވަނީ ކޮން ގޮތަކަށްތޯ ރިޔާސަތުން އެއްސެވުމުން ޚިލާފުވި ގޮތެއް ކިޔާދީފައިނުވުމުން ރައީސް ވަނީ އެފުރުސަތު އާޒިމަށް އަލުން އަރުވާފައެވެ.

އާޒިމް ވަނީ ރައީސް ޔާމީންގެ މިވާހަކަތައް ދީނަށް ފުރައްސާރަ ކުރުމަށް ނުވާއިރު މާކުރިން ހަމަ އެމަނިކުފާނުގެ ވެރިކަމުގައި އާންމުކުރި ރިޕޯޓެއް މިހާރު ލާދީނީ ވުމުން އެބޭފުޅުންގެ މަގުސަދާ މެދު ސުވާލު އުފައްދާފައެވެ.