Last Updated: July 28, 12:06
Tuesday, July 28, 2026
ޚަބަރު

އިންކަމް ޓެކްސްގެ ބިލާއި އެކު 32 ބިލެއް މަޖިލީހަށް ހުށަހަޅަނީ

އިންކަމް ޓެކްސްގެ ބިލާއި އެކު ޖުމްލަ 32 ބިލެއް ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

އިންކަމް ޓެކްސް ނެގުމަކީ ނުވަތަ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޓެކުހުގެ ނިޒާމު ފުރިހަމަ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ވިޔަފާރިވެރިން ވަނީ އިންކަމް ޓެކްސް ނެގުމަށް ތާއީދު ކުރައްވާފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބައެއް މުހިއްމު ބިލުތައް:

އިންތިގާލީ އިންސާފުގެ ބިލު
ފުލުހުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލ
ކޯޓުގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ސިވިލް ޕްރޮސީޖާސް ކޯޑާ ގުޅޭ ބިލު
އިންކަމް ޓެކްސް ނެގުމުގެ ބިލު
ލާމަރުކަޒީ ގާނޫނުނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ފެނާ ކަރަންޓާ ނަރުދަމާއާ ގުޅޭ ބިލު
ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލު
ރުއް ގަހާ ގުޅޭ ބިލެއް
ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ތައުލީމީ ދާއިރާއާ ގުޅޭ ބިލު
އާއިލާއާ ވަރި ކައިވެންޏާ ގުޅޭ ބިލެއް
ވަޒީފާއެއް ހޯދާ މީހުނަށް އިނާއަތެއް ދޭ ބިލު
އެންމެ ކުޑަ އުޖޫރައެއް
ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލު

ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ ތިންވަނަ ދުވަހު ފެށިގެން ވަނީ ގޮސްފައެވެ. އެ ދުވަހުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް މި ދައުރުގައި ސަރުކާރުގެ ފަރާތުން 30 ބިލެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުގެ ފަރާތުން އިޝާރާތް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވި އަދަދަށްވުރެ ދެ ބިލެއް ވަނީ އިތުރުވެފައެވެ.

އޭގެ އިތުރުން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ މަޖިލިސް މެނިފެސްޓޯ "އެޖެންޑާ19" ގައި ހިމެނޭ 18 ބިލެއް ވެސް އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ބިލުތަކުގެ އިތުުރުން ދެން އެންމެ ބޮޑު މަސައްކަތަކީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ކަމަށެވެ. މި ދައުރުގައި މަޖިލިސް އެންމެ ބޮޑަށް ތައްޔާރު ވާނީވެސް ބަޖެޓަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނާގޮތުން މަޖިލީހުގެ ތިންވަނަ ދައުރުގެ މުއްދަތަކީ، އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.