Last Updated: July 28, 12:06
Tuesday, July 28, 2026
ޚަބަރު

ހުކުމް ތަންފީޒުކޮށް ނިމި އަލީ ހަމީދު މިނިވަންވެއްޖެ

އަލީ ހަމީދު -- ފޮޓޯ / އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހައްޔަރުކުރި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމަށް ކުރި ހުކުމް ތަންފީޒުކޮށް، އަލީ ހަމީދު މިނިވަން ވެއްޖެއެވެ.

އަލީ ހަމީދަށް ދެ ދައުވާއެއް ކުރިއެވެ. އަލީ ހަމީދަށް ދެ ދައުވާއެއް ސާބިތުވެ، ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އައެވެ. އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ދައުވާއާ ތަހުގީގަށް ފޯނު ނުދިން މައްސަލައެއްގައި ކްރިމިނަލް ކޯޓުން އަލީ ހަމީދުގެ މައްޗަށް ހުކުމް ކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ ތަހުގީގަށް ފޯނު ނުދިން މައްސަލަ ބާތިލްކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ހަމީދުގެ ހުކުމުގެ މުއްދަތު މިދިޔަ މަހުގެ މެދުތެރޭގައި ހަމަވެފައިވާ ކަމަށެވެ. އެހެންވެ އަލީ ހަމީދު މިނިވަންކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރެއްވީ މިދޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވިކަން ސާބިތުވެ، ދެ ބޭފުޅުުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ސުޕްރީމް ކޯޓުން އެ ދެބޭފުޅުންނަށް ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ބުނެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ހުކުމް ދެމެހެއްޓިއެވެ.

އަލީ ހަމީދު ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދިވެސް ހުންނެވީ ބަންދުގައެވެ. އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގައެވެ. ހުކުމް ތަންފީޒުކޮށް ނިމޭނީ އަންނަ ޑިސެމްބަރު މަސް ތެރޭގައެވެ.