މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނޫޝިން އެމްޑީއެންއިން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ. ނަމަވެސް ގިނަބަޔަކު އަންނަނީ އޭނާ ރައީސް އޮފީހުގައި އަދާކުރަމުން އަންނަ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.
"އައްޑޫލައިވް"އަށް އެމްޑީއެންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނޫޝިން އިއްޔެ އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ދިނުމަށް އޭނާ ދެކޮޅު ހެދިއެވެ.
ނޫޝިން އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެމްޑީއެންއިން ވަނީ 2015ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާ ކަމަށްބުނެ ގިނަ އަދަދެއްގެ ބަޔަކު އެ ޖަމިއްޔާގެ އިސްވެރިް ހައްޔަރުކޮށް، އެ ޖަމިއްޔާ އުވާލުމަށް ގޮވަމުންދާ ދަނޑިވަޅެއްގައެވެ.
އިސްލާމިކް މިނިސްޓްރީންވެސް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ މި ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ މިއަދު ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.