ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެއްޗާއެކު ވަތް ބޭރުގެ ބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި މަސް ދޯންޏެއް ވެސް ހިފަހައްޓާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މި ބޯޓު ހިފަހައްޓާފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމްޑީއެފްއާ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މަސްތުވާތަކެއްޗާއި އެކު ވަން ބޭރުގެ ބޯޓަކީ ސީދާ ކޮން ގައުމެއްގ ބޯޓެއްކަން ނޭނގުނު ނަމަވެސް އެބޯޓު ވަނީ އީރާނުގެ ދިދަ ޖަހާފައެވެ. ނަމަވެސް ދިވެހި މަސްދޯންޏަކީ ހއ. ތުރާކުނަށް ނިސްބަތްވާ ދޯންޏެކެވެ. މި ދޯނި ހިފަހައްޓާފައި ވަނީ ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުންނެވެ. ނަމަވެސް ބޯޓު ހިފެހެއްޓީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުންނެވެ.
އީރާނުގެ ބޯޓު މަސްތުވާތަކެތި ހިފަހައިގެނ ރާއްޖެއާ ކައިރި ސަރަހައްދެއްގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ދިނީ އިންޑިއާ ކޯސްޓުގާޑުން ކަމަށް އެމްއެންޑީއެންއިން ބުންޏެވެ. މި މައްސަލާގައި ހިފަހައްޓާފައި ވަނީ "ހެދޭކުރި 7" ނަމަކަށް ކިޔާ މަސް ދޯންޏެވެ. އެ ދޯނީގައި އެވަގުތު ހަތަރު ފަޅުވެރިން ތިއްބެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީއެކެވެ.
އެ ދޯނި މާލެ ގެނައުމަށް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ސަރަހައްދުން ހިފެހެއްޓި ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބޯޓުން 150 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ބޯޓު އަތުލައިގަތްއިރު، އެ ބޯޓުގައި ހަ ފަޅުވެރިން ތިއްބެވެ.
ފުލުހުން މިހާރު އަންނަނީ އެ އުޅަނދުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.