މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރުމުގައި އެއްވެސް ފަރާތަކަށް ބުރަ ނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ މައްސަލައާ ގުޅުންހުރި ކަންކަން ފުލުހުން ކުރަމުން ގެންދާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި އެ މައްސަލައަށް ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. ކޮމިޝަނަރު އޮފް ޕޮލިސް ހަމީދު ވިދާޅުވީ މައްސަލައާ ގުޅިގެން އެއްވެސް ނުފޫޒެއް އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު މިއަދު ވިދާޅުވީ އެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި، ކީރިތި ރަސޫލާ އަށް ތަތްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމުވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅަމުން ގެންދާނަން" ރައީސް ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައިވާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގައި އެ ދީން ހިމާޔަތްކުރުމަކީ ރާއްޖޭގެ އެންމެ މަތީ ވެރިޔާއާ ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ އެ ޒިންމާ އަދާކުރުންމަތީ ދެމިހުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.