އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންކަމަށާއި އެ ފަރާތްތަކުގެ އަތުން ލިބޭ އާމްދަނީގެ އަށް ޕަސެންޓު ނަގާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި "ނުވަގަޑީ"ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވަނީ އަހަރެއްގެ މައްޗަށް 480،000 ރުފިޔާ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.
ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބްރެކެޓްސް
އާމްދަނީ 40،000-0 ލިބޭ ފަރާތްތައް – ޓެކްސް ނުނަގާނެ
އާމްދަނީ 60،000-40،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް
އާމްދަނީ 100،000-60،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް
100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް
އިންކަމް ޓެކްސްގެ ބިލު ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭޖީ އޮފީހުން އިއްޔެ ނޫސްވެރިންނަށް ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައިވެސް، އެންމެ ކުރީގައި އޮތީ އާމްދަނީން ޓެކްސް ނެގުމެވެ. އާމްދަނީން ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެއީ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަ ކުރުމަށްޓަކައެވެ.