ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މީހަކުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތަކީ މުސްލިމެއް ކަމުގައިވާން ޖެހޭއިރު އެއީ ދިވެހި ރައްޔިތަކަށްވެސް ވާންޖެހެއެވެ. އަދި މީގެއިތުރުން އުމުރުން 25 އަހަރުވެފައިވާ އިސްލާމްދީނުގެ އެއްވެސް ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވެއެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޖުލައި 14 ގައި މީގެކުރިން ހުޅުވާލިއެވެ.
ދެވަނަ ފަހަރަށް އިއުލާން ކުރަން ނިންމި ސަބަބު ހާމަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިދައުގެރުގެ ޖަލްސާތައް ފެއްޓުމުގެ ގޮތުން ބޭއްވި ފުރަތަމަ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ ޖޭއެސްސީގެ މެމްބަރު ކަމަށް އިއުލާންކޮށްފައިވަނީ، ކުރީގައި އަމަލު ކުރަން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ކަމަށެވެ.
ނަމަވެސް މިހާރު އަލަށް އަމަލުކުރަމުންދާ މަޖިލިސް ގަވައިދުގައި މަގާމުތަކަށް އެގޮތައް އިއުލާން ކުރުމާ ގުޅޭ މަރުހާލާ ވަރަށް ތަފާތުވުމާއި ގިނަ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ޖުޑީޝަރީ ކޮމިޓީން އެދިފައި ވަނީ ޖޭއެސްސީގެ މެމްބަރު ކަމަށް އަލުން އިއުލާން ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.