ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވަނީ އެކަން އެގޮތަށް ހިނގައިގެން ދިޔައީ ކުރީގެ ސަރުކާރުގެ ކޮންޓްރެކްޓުތައް ހިންގާފައިވާ ހުރި ދޯދިޔާ ކަމުންކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އަމީރު ވިދާޅުވީ އޭގެތެރެއިން އަމީރު ފާހަގަ ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) ދައްކާފައިވާކަން ފާހަގަކުރައްވާފައެވެ. އެ ފައިސާ ދައްކާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މީގެއިތުރުން ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) ދައްކާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން މި ސަރުކާރުން 26.1 މިލިއަން ރުފިޔާ ވަނީ ދައްކައިފައިވާއިރު އެ ފައިސާ ދައްކަން ޖެހުނީ ކުރީގެ ސަރުކާރުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކާ ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް ދިމާވި ސުނާމީ ކާރިސާއާ ގުޅިގެން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު މާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. ސަރުކާރުގެ އެ ވައުދާ އެއްގޮތަށް ލޯންތަކުގެ ގޮތުގައި ގާތްގަނޑަކަށް 15.2 މިލިއަން ރުފިޔާ މާފުކޮށްފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
މީގެއިތުރުން ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލަށް ހަތް މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ވަނީކޮށްފަ އެވެ. އަމީރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކުޑަ ކުއްޖާ އަށް ދޭން ޖެހުނު 7.1 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.