ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާއި ގުޅިގެން ހުށަހެޅުނު ޝަކުވާއާ ގުޅޭ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މައްސަލާގައި އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމުގެ ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ނަސޭހަތް ދިނުމަށް ނިންމި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭ ދެ މައްސަލައެކެވެ. މީގެތެރެއިން ފަނޑިޔާރު އަބްދުﷲ އަރީފަކީ ޖޭއެސްސީގެ ރައީސްވެސްމެއެވެ.
ޖޭއެސްސީން ބުނީ އެ ތިން ފަނޑިޔާރުންނަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅަކީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަޅާ ތަޢުދީބީ ފިޔަވަޅެއް ކަމަށެވެ. މި ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ނިންމިއިރު ޖޭއެސްސީއަށް މި ތިން ފަނޑިޔާރުންނާއި ގުޅޭ ގޮތުން ހުށަހެޅުނީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. ނަމަވެސް މިއީ މި ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިން ދެވަނަ ފަހަރެވެ.