ރާއްޖެއަށް މަސްތުވާތެކެތި އެތެރެ ކުރަން އުޅުނު ބޯޓުންނާއި ދޯނިން އަދި މިހާތަނަށް ފެނުނީ 70 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އަންނަނީ އަތުލައިގަތް ބޯޓާއި އެ ބޯޓުން މަސްތުވާތަކެތި ނެގުމަށް ދިޔަ ރާއްޖޭގެ މަސްދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްގެން ބަލާ ފާސް ކުރަމުންނެވެ. ފުލުހުން ބުނީ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ދެ އުޅަނދުގެ ތެރެއިން ބޯޓު ވަނީ ރޭ 02:00 ހާއިރު ދޫނިދޫއަށް ގެެންގޮސްފައި ކަމަށެވެ. އަދި ދޯނި ވަނީ މިއަދު 06:30 ހާއިރު ދޫނިދޫއަށް ގެނެސްފަ އެވެ.
ފުލުހުން ބުނީ އެެ ދެ އުޅަނދު ވެސް ބަލާފަސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން ތިން ގޯނީގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ތިން ގޯނީގައި 70 ޕެކެޓު މަސްތުވާތަކެތި (އަންދާޒާ ކުރެވޭ ބަރުދަނުގައި 70 ކިލޯގްރާމް) ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެކުރިން ހަބަރު ލިބިގެންދިޔައީ އެ ދޯނީގައި 150 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށެވެ. އެގޮތަށް ހަބަރު ފެތުރީ އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުންނެވެ.
އީރާނުގެ ދިދަ ޖަހާފައި ހުރި ބޯޓް އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނަށް ތައުރީފް ކުރައްވައި ކޮމިޝަނަރު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން، ބޭރުގެ ބޯޓެއް އަތުލައިގަންނަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ދިވެހި ސިފައިން ހިންގީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަންގައި އެ ބޯޓް ބަލައި ޗެކްކުރި އިރު، ތިން ގޯންޏެއްގައި ބަންދުކޮށްފައި އޮތް 150 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ކޮމިޝަނަރު ވިދާޅުވީ، އެތަކެތީގެ މަގުމަތީ އަގު، 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ދިވެހި މަސްދޯނި ހިފަހައްޓާފައި ވަނީ ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުންނެވެ. ނަމަވެސް ބޯޓު ހިފެހެއްޓީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުންނެވެ. ބޭރުގެ ބޯޓު މަސްތުވާތަކެތި ހިފަހައިގެން ރާއްޖެއާ ކައިރި ސަރަހައްދެއްގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ދިނީ އިންޑިއާ ކޯސްޓުގާޑުން ކަމަށް އެމްއެންޑީއެންއިން ބުންޏެވެ. މި މައްސަލާގައި ހިފަހައްޓާފައި ވަނީ "ހެދޭކުރި 7" ނަމަކަށް ކިޔާ މަސް ދޯންޏެވެ. އެ ދޯނީގައި އެވަގުތު ހަތަރު ފަޅުވެރިން ތިއްބެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީއެކެވެ.