Last Updated: July 28, 12:06
Tuesday, July 28, 2026
ޚަބަރު

ޝަހީބާއި ޒައިނާ މަގާމުން ވަކި ކުރުމުގެ މައްސަލަ މާދަމާ

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނާއިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކި ކުރުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި ދެ ބޭފުޅުން ވަކި ކުރުމަށް ނިންމާފައިވާތާ މިހާރު ދުވަސްތަކެއް ވަނީ ވެފައެވެ. މި ދެ ބޭފުޅުން ވަކި ކުރަން ކޮމެޓީން ނިންމީ މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ. އަދި އޭގެފަހުން މަޖިލިސް ގަވާއިދު ބަދަލުވުމާއި އެކު އަލުން އެ މައްސަލަ ކޮމެޓީއަށް ވެސް ފޮނުވިއެވެ.

ދެވަނަ ފަހަރަށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވީ މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިންނެވެ.

މިދިޔަ ޖޫން މަހުގެ 19ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެންބަރުން ވިދާޅުވީ ސީދާ ކޮމިޝަންގެ މެންބަރުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ މެންބަރުން ނުފޫޒު ފޯރުވާ ކަމަށް މެންބަރުން ވިދާޅުވިއެވެ.

އެ ބައްދަލުވުމަށް ފަހު ހުށަހެޅީ ސޮފްވާނާއި، ކޮމިޝަނުގެ މެމްބަރު ޒައިނާ ވަކިކުރުމަށެވެ. ނަމަވެސް ސޮފްވާން ފަހުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި ހަސަން ނަބާހުވެސް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ފަހުން އެކުލަވާލި މިނިވަން މުއައްސަސާތަކުގެ ސަބް ކޮމެޓީން ވަނީ ޝަހީބުވެސް މަގާމުން ވަކި ކުރަން ނިންމާފައެވެ.