ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނީ ޢާންމުންގެ ޚިޔާލަށާއި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލަށް ހުޅުވާލައި، މިއަދު ޢާންމުކުރި މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު އެ އޮފީހުން ޢައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވަމުންގެންދަވާ މިސްޓަރ އިމެނުއަލް ގުއިންޝާޑު ކަމަށެވެ.
ބިލު އެކުލަވާލުމުގައި ވިސްނާފައިވާނީ، މަދަނީ ދަޢުވާތަކާބެހޭ އުސޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތަކާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، ޙުކުމް ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ ޢާންމު އުސޫލުތައް، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިޢާޔަތްކުރުމާއެކު ހިމެނުމަށް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މަދަނީ އިޖުރާއަތުގެ ބިލަށް ޚިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، 15 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މިއީ ސަރުކާރުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ނިންމާފައިވާ ބިލެކެވެ. މި ދައުރުގައި 34 ބިލެއް މަޖިލީހަށް ހުށަހަޅާނެއެވެ.