އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖެއަށް 1.5 ބިލިއަން ރުފިޔާގެ އެހީދިނުމުގެ ފްރޭމްވޯކް އެގްރިމެންޓެއްގައި ސޮއިކޮށްފިއެވެ.
ކުރުނބާ މޯލްޑިވްސް ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ އިންޖިނިއާ ހާނީ ސަލީމް ސޮންބޮލްއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އައިޓީއެފްސީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެގްރިމެންޓަކީ އަގު ނުކުރެވޭނެ ވަރުގެ އެގްރިމެންޓްއެއް ކަމަށެވެ. އައިޓީއެފްސީއިން ރާއްޖެއަށް ދޭ ޓްރޭޑް ފައިނޭންސް އާއެކު ރާއްޖޭގެ އިގްތިސާދު ކުރިއަރާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިޓީއެފްސީގެ ސީއީއޯ ސަލީމް ވިދާޅުވީ ރާއްޖޭގެއަކީ އެ ކޯޕަރޭޝަނުން އެންމެ ބޮޑު އެހީ ދޭ އެއްގަމު ކަމަށެވެ. ރާއްޖޭގައި އުފައްދާ ހަަކަތައިގެ 80 ޕަސެންޓް އުފައްދަނީ އެ ކޯޕަރޭޝަނުގެ މާލީ އެހީގައިކަން ފާހަގަކުރައްވައި ސަލީމް ވަނީ އިތުރު ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމަށް ވިދާޅުވެފައެވެ.