Last Updated: July 28, 12:06
Tuesday, July 28, 2026
ޚަބަރު

މަޖިލީހުން ބިލްތައް ޑްރާފްޓު ކުރާކަށް ރައީސް ނާންގާ: ތަރުޖަމާން

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަާން އިބްރާޙީމް ހޫދު (ކ) އަދި ރައީސް ޞާލިޙު -- ފޮޓޯ / ރައީސް އޮފީސް

ސަރުކާރުގެ ލެޖިސްލޭޓިވްް އެޖެންޑާގައި ހިމެނޭ ގާނޫނުތަކުގެ ބިލްތައް ސީދާ ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައިނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ހޫދު މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީހުން ބިލްތައް ޑްރާފްޓު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް ބައެއް މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ. ހޫދު ވިދާޅުވީ އެފަދަ އެންގެވުމަށް ރައީސް މަޖިލީހުގެ ރައީސަށް ވެސް އަދި މެންބަރުންނަށްވެސް އަންގަވާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ ބިލްތައް ޑްރާފްޓު ކުރުމުގެ މަސައްކަތް މަޖިލިސް ތެރެއިން ފެށީ ބިލުތަކުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ރައީސް ސިޓީފުޅެއް ފޮނުއްވާފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުންް ހުށަހަޅާ ބިލްތައް ޑްރާފްޓްކުރުމަކީ އެ ބިލްްތަކާ ގުޅޭ އެހެން މިނިސްްޓްރީތަކާއި އިދާރާތަކުގެ އެހީތެރިކަމާ އެކު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތައް ޑްރާފްޓް ކުރުން ސަރުކާރުން ކުރަމުން އަންނައިރު މަޖިލީހުން އެ ކަން ކުރަން ފެށުމާ ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ. އޭޖީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ވި ވައުދުތައް ފުއްދުމަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ މައިގަނޑު ވަސީލަތަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބިލުތައް ކަމަށެވެ. އަދި ނަޒާހަތްތެރި މަޖިލީހަކުން އެކަން ކުރުމުގެ ފުރުސަތު ސަރުކާރަށް ދޭންވާނެ ކަމަށް ވިދާޅުވިއެވެ.