ރާއްޖެއަށް ކުރިއެރުމެއް ވެސް އަދި ތަރައްގީއެއް ވެސް ނާންނަނީ އެއްވެސް ޕްލޭނެއް ނެތުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރާއްޖެ ވާންވީ ޖަޒީރާ ރާއްޖެ އަށް ނޫން ކަމަށާއި މި ގައުމު ބަދަލުވާންވީ އެމެރިކާގެ ނިއު ޔޯކާއި ވޮޝިންޓަނާއި ސިންގަޕޫރަށް ކަމަށެވެ. ޖަޒީރާ ރާއްޖެ ކިޔަނީ އިތުރު 300 އަހަރު ފަހަތަށް ރާއްޖެ ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖަޒީރާ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ރާއްޖޭގެ ރައްޔިތުން ޖަޒީރާވަންތަކަމެއް ދެން ބޭނުމެއް ނޫން،" ޖާބިރު ވިދާޅުވި އެވެ.
ޑީއާރްޕީގެ ލީޑަރު ޖާބިރު ވިދާޅުވީ ރައްޔިތުން ނިކަމެތި ހާލުގައި ތާ އަބަދު ތިބެން ނުޖެހޭނެ ކަމަށެވެ. އެކަމަކީ ބަދަލު ކުރަން އަދި ބަދަލުވާން ޖެހިފައިވާ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ މީހުން ސިޔާސީ ބޭނުންތަކަށް ކުރާ ކަންކަމުން ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ލިބެމުން އަންނަ ކަމަށެވެ.
ޖާބިރު ވިދާޅުވީ ސިޔާސީ ފަރާތްތައް ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ބޭނުން ނުވާ ކަމަށާއި ދައްކާ ވާހަކަތައް ވެސް ދައްކަމުން ގެންދަނީ ހަމައެކަނި ސިޔާސީ ބޭނުމަށް ކަމަށެވެ. އެފަދަ ކަންކަން ގައުމުގައި ހިނގާހާ ދުވަހަކު ގައުމު ތަރައްގީ ނުވާނެ ކަމަށް ވިދާޅުވެ ޖާބިރު ވަނީ އެފަދަ ކަންކަން ހުއްޓާލުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލައިފައެވެ.