މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަކީ، މުރުތައްދުވެފައިވާ ސަލްމާން ރުޝްދީ އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ފޮތާއި އެއްފަދަ ފޮތެއް ކަމަށް ސިފަ ކުރައްވާ އެމްޑީއެންގެ އެ އަމަލަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީގެ ފޮތާ އެއްވަރުގެ އެއްޗެއް ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީއިރު މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"މިއީ 100 ޕަސެންޓް މުސްލިމް ޤައުމެއް. އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް. ފިޔަވަޅު އެޅުމަށް ވާނީ ރިޕޯޓުގެ ފަހަތުގައި ތިބި މީހުން، ރައީސް އޮފީހާއި ދައުލަތުގެ މަޤާމްތަކުން ވަކިކޮށް، ހައްޔަރުކުރަންޖެހޭ މީހުން މުޖްތަމަޢުގެ ސަލާމަތަށް ހައްޔަރުކުރުން" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ރިޕޯޓުގައި ހުރި ކަންކަމަށް ރިއާޔަތްކޮށް، އެ ނޫން ގޮތަކަށް އަމަލު ކޮށްފި ނަމަ، މުޖްރިމުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
"ޤާނޫނު ތަންފީޒުކުރުމަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކޮށްފައިވާ ކަމެއް. ރިޕޯޓުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށް، އެ ނޫން ގޮތަކަށް ޢަމަލްކޮށްފި ނަމަ، މުޖްރިމުންނަށް ހިތްވަރު ލިބިގެންދާނެ" ޖަމީލް ވިދާޅުވިއެވެ.
ސަލްމާޏް ރުޝްދީއަކީ އިންޑިއާގެ ލިޔުންތެރިއެކެވެ. އޭނާ ވަނީ އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ތަފާތު ވާހަކަތައް ލިޔެފައިވާ ފޮތެއް ނެެރެފައެވެ. އެކަމާއި ގުޅިގެން އިސްލާމީ ގައުމުތަކުން އޭނާއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ނިންމިއެވެ.
އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ. މި މައްސަލަ ބަލާ އަޅަންޖެހުނު ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
އެމްޑީއެން ރިޕޯޓާއި ގުޅިގެން އެކަމުގައި ހުރި މައްސަލަތައް ބަލައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅިއިރު، އެ މައްސަލަ ފުލުހުން ބަލަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.