Last Updated: July 28, 11:30
Tuesday, July 28, 2026
ޚަބަރު

އިންކަމް ޓެކްސް 60،000 ރުފިޔާ އާމްދަނީ ލިބޭ މީހުންގެ އަތުން ނަގަން ރަނގަޅު: އިލިޔާސް

އިންކަމް ޓެކްސް ނަގާ ކަމަށްވާ ނަމަ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 60،000 ރުފިޔާއަށްވުރެ މަތިން ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނެގުން މާ ރަނގަޅު ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލިޔާސް މިފަދައިން ވިދާޅުވީ ސަރުކާރުން އިއްޔެ ހާމަކޮށްފައިވާ ޓެކްސް ބްރެކެޓާއި ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން ބުނަމުން ދިޔައީ އިންކަމް ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި 60،000 ރުފިޔާއަށްވުރެ މަތިން ލިބޭ ފަރާތްތަކުގެ އަތުން ކަމަށެވެ. މިކަމާއި ގުޅޭ ގޮތުން އިލިޔާސް ލަބީބު ވިދާޅުވީ އެ އަދަދުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ނިންމީ މެދު މިންވަރަށް އާމްދަނީ ލިބޭ ފަރާތްތައް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ގޮތުގައި ނުހިމެނުމަށް ކަމަށެވެ.

ވެރިރަށް މާލޭގައި ދިރިއުޅޭއިރު ކުއްޔަށް އުޅޭ މީހާގެ ދިރިއުޅުމަށް މަހެއްގެ މައްޗަށް 50،000 ރުފިޔާ ހަރަދުވާއިރު އެވަރު ލިބިގެން ނޫން ގޮތަކަށް ދެކޮޅު ނުޖެއްސޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ފަހަރު އެވަރުގެ އާމްދަނީއެއް ހޯދަމުންދަނީ ދެ ވަޒީފާ އަދާ ކޮށްގެން އޭނާ ވިދާޅުވިއެވެ.
މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 60،000 ރުފިޔާ ފަރާތްތަކުގެ ތެރޭގައި ހިމެނިގެން ދަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ވަޒީރުންނެވެ. އަދި ބައެއް އަމިއްލަ ވިޔަފާރިވެރިންނަކީ ވެސް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި އެވަރު ލިބޭ ބަޔަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބްރެކެޓްސް

އާމްދަނީ 40،000-0 ލިބޭ ފަރާތްތައް – ޓެކްސް ނުނަގާނެ
އާމްދަނީ 60،000-40،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް
އާމްދަނީ 100،000-60،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް
100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް

އިންކަމް ޓެކްސްގެ ބިލު ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.