Last Updated: July 28, 11:35
Tuesday, July 28, 2026
ޚަބަރު

ހެންވޭރު ބޮޑު އަލިފާން: ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން މިލިއަނަކަށްވުރެ މަތި!

ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މިންވަރު ބެލުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހެދި އެސެސްމެންޓް އިން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ 1،036،651 ރުފިޔާ އަށް އަރާ ކަމަށް ދައްކައިފިއެވެ.

މިދިޔަ މަހުގެ 20ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގާދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ހަދާފައި ވަނީ 18 ގެއެއްގެ 92 ގޭބިސީގެ އެސެސްމަންޓެވެ. މި ގޭބިސީތަކުގެ ތެރެއިން 41 ގޭގެ ޒަރޫރީ ހިފާ ގެންގުޅޭތަކެތި ވަނީ ހަލާކުވެގެން ގޮސްފައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް 31 ގެއެއްގެ އެސެސްމެންޓް މިހާރު ހެދިފައިވާއިރު އެ އެސެސްމެންޓްތައް ހަދަނީ ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފްގެ އިންޖީނިއަރުންގެ އެހީތެރިކަމާއި އެކުގައެވެ. އެ ގެތަކުގެ ތެރެއިން އިތުރަށް ގެއްލުން ވަޒަން ކުރަންޖެހޭ ތިން ގެއެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެންޑީއެމްއޭ އިން ބުނީ މިހާތަނަށް ހެދުނު އެސެސްމެންޓް ތަކުން ދައްކާ ގޮތުން 14 އިމާރާތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އެސެސްމެންޓްތައް އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ނިންމާލެވޭ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ބައެއް ގެތަށް ވަނީ ތަޅާލައިފައެވެ. އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާގެ އެހީވުމަށް ބީއެމްއެލްގައި އެންޑީއެމްއިން ހުޅުވި އެކައުންޓު ބަންދުކުުރިއިރު އެ އެކައުންޓަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެންޑީއެމްއިން ވަނީ ބުނެފައެވެ.