ސުޕްރީމް ކޯޓުގެ އިހްތިސޯސުން ބޭރުން ކޮށްފައިވާ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބެލުމަށް އަނެއްކާވެސް ޖޭއެސްސީން ނިންމާފައިވީ ނަމަވެސް މައްސަލަ ބަލަނީ އެ ކޯޓުގެ ކޮން ފަނޑިޔާރުންނެއްގެ ކަމެއް ނުބުނެއެވެ. ހަމައެކަނި އެ ކޮމިޝަނުން ބުނީ ބެލުމަށް ނިންމާފައިވާ މައްސަލައަކީ އެ ކޮމިޝަނުން މީގެކުރިން އެކުލަވާލި ސުޕްރީމް ކޯޓާއި ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އެ ކޯޓުގެ އިހްތިސޯސުގެ ބޭރުން ކޮށްފައިވާ ކަންކަން ކަމަށެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ސުޕްރީމް ކޯޓުން ހިލާފުވި ކަމަށް ބުނާ ބައެއް ކަންކަން:
* ދަށު ކޯޓު ތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވާއިދެއް ހަދައި، ގާނޫނުގެ ދަށުން ޖޭއެއްސީއަށް ދީފައިވާ ބާރުތައް ނެގުން
* ޖޭއެއްސީގެ ގާނޫނާއި ހިލާފަށް ފަނޑިޔާރަކު މަސްއޫލިޔަތުތަކާއި އެކަހެރިކުރުން
* އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސުގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވާކަމަށް ނިންމާ މަގާމުން ވަކިކުރުން
ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުުރުން
* ސުޕްރީމް ކޯޓުން އިސްނަގައިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ކަނޑުވާލައި އެ ކޮމިޝަނުން އަމަލުކުރަންޖެހޭ ގައިޑްލައިނެއް ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުން
* ފަނޑިޔާރުންގެ ފެންވަރުގެ ވަޒަންކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެއްސީއަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅުން
ޖޭއެސްސީން ބުނީ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައު ފާހަގަކޮށްފައިވާ ނުކުތާތަކަށް ވެސް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ.
ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބަލަން ނިންމާފައިވާއިރު މިއީ އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބެލުމަށް ނިންމި ތިންވަނަ ފަހަރެވެ. މީގެކުރިންވެސް ދެ މައްސަލައެއް ބަލާފައިވެއެވެ. އަދި އިއްޔެވެސް ވަނީ މައްސަލައެއް ބަލާ ނިންމުމަށްފަހު އެ ކޯޓުގެ ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ނިންމާފައެވެ.