ސިިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަނާޅާ މެމްބަރުން ޕާޓީތަކުގެ ދަފްތަރު އުނިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހައިކޯޓުން ވެސް ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ވައްދާފައި ތިބި މެންބަރުންގެ އިނގިލީގެ ނިޝާން ޖަހަން ނުޖެހުނު ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު އައިއިރު އޮތީ އިނގިލީގެ ނިޝާން ޖެހުމަށް ލާޒިމް ކޮށްފައެވެ. ނަމަވެސް މިދިޔަ 2015ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެންބަރުން ވެސް އިނގިލީގެ ނިޝާން ޖަހަން ޖެހޭނެ ކަމަށެވެ. އިލެކްޝަނުން އޭރު ބުނީ ޕާޓީގެ ދަފްތަރުގައިވާ ހުރިހާ ފަރާތްތަކެއް 2015ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އިލެކްޝަނުން އެކަން އެގޮތަށް އެންގުމުން މިހާރު ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީ އަދި ޑީއާރްޕީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުމަކީ ގާނޫނު އަސާސީގެ 59ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް ބުނެއެވެ. ނަމަވެސް ސިވިލް ކޯޓުންވެސް އޭރު ހުކުމް ކުރީ އިލެކްޝަނާއި އެއްކޮޅަށެވެ. އެގޮތަށް ހުކުމް ކުރުމުން ހަމަ އެ ދެޕާޓީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
"އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމާއި ޚިލާފުވާކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރަނީ "ޤާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިފައި ނުވާކަމަކަށް ފަހުން ހަދާ ޤާނޫނަކުން އަދަބު ނުދިނުން" މިފަދައިންކަމާއި، މިގޮތުން އެމާއްދާގައި ބުނެފައިވަނީ" ވަކި ކަމެއްކުރުން، ނުވަތަ ވަކިކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއްކަމަށް އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތީސް އެކަމެއް ކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެކުރިކަމަކާއި ގުޅުވައިގެން އަދަބެއް ދީގެން ނުވާނެއެވެ. އަދި ކުށެއް ކުރި އިރު އެކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެމީހަކަށް ދީގެނެއް ނުވާނެއެވެ. ކުށެއްކުރުމާ، އެކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެވެ" ހައިކޯޓުގެ ހުކުމްގައިވެއެވެ.
ޖިނާއީ ކުށްކުށާއި އެކުށްކުށައް ދޭން ކަނޑައެޅޭ އަދަބުތަކާއި ގުޅޭ ގޮތުން އޮތް މާއްދާއެއް ކަމުގައިވާއިރު އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ހިމެނޭ ކަންކަމަކީ އިދާރީ ތަބީޢަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމާއި އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއަކީ އެއްވެސް ފަރާތަކުން
ކުށެއް ކޮށްގެން އެކަން ކުށްވެރިކޮށް އެއްވެސް ފަރާތަކަށް އަދަބެއް ދިނުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އެއީ ގާނޫނު އަސާސީ 59ވަނަ މާއްދާހެ (ހ)އާ ހިލާފަށް އިލެކްޝަނުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ހައިކޯޓުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އަންގާއިވާއިރު 2016ވަނަ އަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އިނގިލީގެ ނިޝާން ލާޒިމްވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެކަމުގެ ސަބަބުން އޭރު އެންމެ މީހުން ގިނަ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ދަފްތަރުން ގިނަ އަދަދެއްގެ މެންބަރުން އުނިވެގެން ދިޔައެވެ.