Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ބަންގްލަދޭޝު ދަރިވަރަކު ތަޅާ އަނިޔާކުރުމަށް ފަހު މަރާލައިފި

ސޯޝަލް މީޑިޔާގައި ބަންގްލަދޭޝް ސަރުކާރަށް ފާޑުކީ ދަރިވަރަކު ތަޅާ އަނިޔާކުރުމަށް ފަހު މަރާލާފައި އޮތްވާ ފެނިއްޖެއެވެ.

ޑާކާގައި ހުންނަ ބަންގްލަދޭޝް ޔުނިވާސިޓީ އޮފް އިންޖިނިއަރިންގ ގައި ކިޔަވަމުން އައި އަބްރާރް ފަރުހާދު، 21، އޭނާ ދިރިއުޅޭ ޑޯމްރޫމުން ބަޔަކު ނަގައިގެން ދިޔަ ސީސީޓީވީ ފުޓޭޖެއް ވަނީ ހޯދާފައެވެ. އޮޓޮޕްސީ ހެދި ޑޮކްޓަރާ ހަވާލާދީ "ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަރުހާދު މަރާފައިވަނީ އެތައް އިރެއް ވަންދެން ތަޅާ އަނިޔާކުރުމަށް ފަހުގައެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް 13 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބަންގްލަދޭޝް ޗަތްރާ ލީގް(ބީސީއެލް) އަށް ނިސްބަތްވާ ބަޔަކު ކަމަށް ޚަބަރު ލިބެއެވެ. ބީސީއެލްއަކީ ސަރުކާރު ހިންގާ އަވާމީ ލީގް ޕާޓީގެ ޒުވާނުންގެ ވިންގްއެވެ.

ސޯޝަލް މީޑިޔާގައި ސަރުކާރަށް ފާޑުކިޔަމުން އައި ފަރުހާދު މަރާލާފައިވަނީ އެކަމާ ގުޅިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި ނަމަވެސް ބީސީއެލް އިން ވަނީ ނެރުނު ބަޔާނެއްގައި، ފަރުހާދުގެ މަރާ އެފަރާތާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

ބަންގަލަދޭޝްގައި ސަރުކާރަށް ފާޑުކިޔާ އަދި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވާ މީހުން ގެއްލޭ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އެތައް ބަޔަކު ވަނީ ދަންވަރު ގަޑީގައި ގެއިން ނެރެ އެހެންތަނަކަށް ގޮސް މަރާލާފައެވެ. ނަމަވެސް ސަރުކާރުން އެތުހުމަތުތައް ދޮގު ކުރެއެވެ.

ފަރުހާދުގެ މަރާ ގުޅިގެން ބަންގާޅު ކިޔަވާ ކުދިން އަންނަނީ ސްކޫލް ދޮށުގައި އަދި މަގުމަތީގައި މުޒާހަރާ ކުރަންވެސް ފަށާފައެވެ. ފުލުހުން ބުނީ އެމައްސަލަ ތަހުގީގުކޮށް ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.