ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް" ގައި ތަޤްރީރު ކުރައްވަމުން މިނިސްޓަރު މާރިޔާ ވަނީ ދިވެހިރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭނެހެން، ޒަމާނީ ޓެކްނޮލޮޖީއާއި ތަޢުލީމުގެ އެހީގައި، މިހާރަށްވުރެ ޢިލްމީ، ޤާބިލް، ޞިއްޙީގޮތުން ދުޅަހެޔޮ އަދި ބަދަހި މުޖްތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން، މިނިސްޓަރ ވަނީ، އީ ގަވަރމަންޓް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން، އިންސާފުވެރިކަމާއެކީ އަދި ދެފުށް ފެންނަގޮތަށް، ދަޢުލަތުން ޚިދުމަތް ފޯރުވައިދިނުމަށް، ޔޫ.އޭ.އީގެ ސަރުކާރުން ފަރުމާކުރައްވާފައިވާ ޓެކްނޮލޮޖީތައް ފާހަގަކުރައްވައި، ތަޢުރީފުކުރައްވާފައެވެ. އަދި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދިނުމަކީ، ރައީސް ޞާލިޙުގެ ޒީރޯ ޓޮލެރަންސް އޮން ކޮރަޕްޝަންގެ ސިޔާސަތަށް ލިބޭނެ ކުރިއެރުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުބާއީގެ ވަރލްޑް ޓްރޭޑް ސެންޓަރުގެ "މޮޑަރން އެޑިޔުކޭޝަން ސްޓޭޖް" ގައި އިއްޔެ މިނިސްޓަރ މާރިޔާ ތަޤްރީރުކުރައްވާފައިވަނީ "ސެކިއުރިޓީ، އެޑިއުކޭޝަން އެންޑް ޓެކްނޮލޮޖީ އިން ދަ ޓުވެންޓީ ފަރސްޓް ސެންޗަރީ" ނުވަތަ 21 ވަނަ ޤަރުނުގައި ސަލާމަތީ ނިޒާމާއި، ތަޢުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާންވަނީ، އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ތަމްރީނުކުރުމުގައި ޔޫ.އޭ.އީން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ.