މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި މާތް ނަބިއްޔާއާ މުހައްމަދު (ސ.އ.ވ)އަށް ބަދުބަސް ބުނެ ނެރެފައިވާ ރިޕޯޓާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ޖަމިއްޔާ ދިފާއު ކުރައްވާ ވާހަކަފުޅު ދެއްކެވުމުން ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އެކަމާ ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީއެން އިން އާންމުކޮށްފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ގޯސްވީ އޭގައި ބައެއް ވާހަކަތައް އިނގިރޭސިން ލިޔަން އުޅުމުން ކަމަށާއި، ރިޕޯޓުގެ ނިޔަތަކީ އިސްލާމް ދީނަށް ހަޖޫ ޖެހުން ނޫން ކަމަށް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.
އެ ވާހަކަތަކައް ފާޑު ވިދާޅުވެ ލޯޔަރު ވައްޑެ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދުގެ އަނގަފުޅު ތެރޭގައި ކިތައް ދޫފުޅު އޮވޭތޯ ސުވާލު ކުރައްވާފައެވެ. ވައްޑެ މިފަދައިން ވިދާޅުވެފައި މިވަނީ މީގެކުރިން ރައީސް ނަޝީދު ވެސް އެ ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނެފައިވާ ކަމަށް ވިދާޅުވެ އެ ރިޕޯޓު ކުށްވެރި ކުރައްވާފައިވާތީ އެވެ.
ވައްޑެ ވަނީ ރައީސް ނަޝީދު އޮޅުވާލަން މަސައްކަތް ކުރައްވަނީ ކާކަށްތޯ ސުވާލު ކުރައްވާފައެވެ.
"މަނިކުފާނު ޤަބޫލު ކުރެވިއަސް ނުކުރެއްވިަސް މާތް اللهއަށް އޮޅުވައެއް ނުލެވޭނެ. އެމްޑީއެންގެ ރިޕޯޓް ދިފާއުކުރައްވަން ހައްދަވައިގެން ވިދާޅުވެވޭ ނުވެވޭ އެއްޗެއް އެނގިވަޑައި ގަންނަވާތޯ،" ވައްޑެގެ ޓްވީޓުގައި ވިދާޅުވިއެވެ.
ވައްޑެގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބްޅޯ) ކުރެއްވި ޓްވީޓެއްގައި ވަނީ ނަޝީދުގެ އެ ވާހަކައަކީ ދިއުޅިއެއްނުވާ ވާހަކައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
"މިސްރާބު އެހެން ރާއްޖެއަކަން ބަދަލުކުރަން އުޅުނަސް، ރައްޔިތުން މިސްރާބު ބަދަލެއް ނުވާނެތެވެ. ދީނުގެ ދިފާޢުގައި ނުކުންނާނެ! މަޑުންނުތިބޭނެ،" އަބްޅޯގެ ޓްވީޓުގައި ވިދާޅުވިއެވެ.
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު ނެރުއްވާ "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ" ސިލްސިލާގެ 10 ވަނަ ބައި ރޭ ނެރުއްވުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ އެމްޑީއެންގެ އަމާޒަކީ ދީން ބަލިކަށި ކޮށްލުން ނޫން ކަމަށެވެ.
ރިޕޯޓު ކިޔުއްވުމަށް ފަހު އޭގައި ގޯސް ބަސްތަކެއް ބޭނުންކޮށްފައި ހުރި ކަމަށާއި ނަމަވެސް އެގޮތަށް ދިމާވީ އިނގިރޭސިން އެއްޗެއް ލިޔަން އުޅުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ރިޕޯޓާ ގުޅޭގޮތުން ތިން ފަހަރު ތިން މޭރުމަކުން ރައީސް ނަޝީދު މިހާރު ވަނީ މުޚާތަބު ކުރައްވާފައެވެ.
ފުރަތަމައަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޕޯޓުގައި މުސްލިމުން ދައްކަން ނުޖެހޭ ވާހަކަތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ދެން އެމަނިކުފާނު ވިދާޅުވީ ގޯސް ވާހަކަތަކެއް ހުރި ނަމަވެސް އެކަމާ ބަހުސް ކުރަން ވާނީ ދީން އެނގޭ ބޭފުޅުން ކަމަށާއި، އާންމުން އެކަމަށް ބަހުސް ކުރުން ރަނގަޅު ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓު އާންމުވެ ގިނަ ބަޔެއްގެ ނުރުހުން ރިޕޯޓަށް އަމާޒުވީ ރަސޫލާއަށް އިހާނެތި ބަސްތަކެއް ރައްދުކޮށްފައިވާތީއެވެ. އެޖަމިއްޔާއިން ވަނީ ފަހުން ރިޕޯޓު ނަގައި އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.