އައިޖީއެމްއެޗް މެންޓަލް ހެލްތު ސެންޓަރުން މިއަހަރުގެ މިހާތަނަށް ހަތަރު ހާހަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ދުނިޔޭގެ ނަފްސާި ސިއްހަތު ދުވަހުގެ މުނާސަބަތާއި ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރަކީ ނަފްސާނީ ސިއްޙަތު ކުރިއަރުވަން ކުރެވެމުން ދިޔަ މަސައްކަތްތަކަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ. އެގޮތުން މި ސަރުކާރުން ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. މެންޓަލް ހެންތު ސެންޓަރ ގާއިމް ކޮށްފައިވަނީ މިއަހަރު މާރޗް 25 ވަނަ ދުވަހު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައެވެ.
މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ.އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތަފާތު ޚިދުމަތްތައް ހިމެނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ނަފްސާނީ ބަލިތަކުގެ ފަރުވާ މާލެ ސަރަހައްދެކޭ އެއްފަދައިން އަތޮޅު ތެރޭގައި ވެސް ހަރުދަނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފުރަތަމަ ތަރައްގީކުރުމަށް ނިންމާފައިވާ ހޮސްޕިޓަލްތައް ކަމަށްވާ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ ކުޅުދުއްފުށި، ލ.ގަން، ރ. އުނގޫފާރު، ގދ.ތިނަދޫ އަބުއްސަމަދު މޮމޯރިއަލް ހޮސްޕިޓަލް އިން މިޚިދުމަތް ފުޅާދާއިރާއެއްގައި ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އަދި މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާމެދު މުޖުތަމައު ހޭލުންތެރިކުރުމަށާއި މިފަދަ ބަލިމީހުންނަށް ޢާއިލާއާއި މުޖުތަމަޢުން ދޭންވާ އަޅާލުމަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މި ޚިދުމަތް ހަރުދަނާ ގޮތެއްގައި ދިނުމާއި، ޚިދުމަތް ދެމުންދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމަށްކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ވެސް މެންޓަލް ހެލްތާބެހޭ ވަކި ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ދިވެހި ރާއްޖޭގައި ސިކުނޑީގެ ބަލިތަކާގުޅޭ ގޮތުން ޚިދުމަތްތައް ރަނގަޅުކުރުމަށް ޞިއްޙީ ދާއިރާއިން ކުރެވެމުންދާ މަސައްކަތާއެކު ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ހިންގާ ޕްރޮގްރާމްތަކަކީ، ސަރުކާރުގެ ތަފާތު ގިނަ މުވައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ދައުރު އޭގައި އެކުލެވިގެން ހިންގޭ ޕްރޮގްރާމްތަކެއް ކަމަށެވެ.
އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓު އަދި ޖެންޑަރ މިނިސްޓްރީއިން އަދި ގިނަ އަމިއްލަ ޖަމްޢިއްޔާތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރެވޭ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުގައެވެ. މިއަހަރު މިދުވަހުގެ ޝިޢާރުގެ ގޮތުގައި ދިވެހި ރާއްޖޭގައި ބޭނުން ކުރަނީ " ނަފްސާނީ ދުޅަހެޔޮކަން" މި ޝިޔާރެވެ.
ބައިނަލް އަގްވާމީ ފެންވަރުގައި މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ނަފްސާނީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ސަމާލުކަން ގެނެސް މުޅި މުޖުތަމަޢާއި ދޭދޭ ޤައުމުތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމަށެވެ.