Last Updated: July 28, 11:35
Tuesday, July 28, 2026
ޚަބަރު

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ނިންމައިފި

ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނީ ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކުލަވާލާފައިވާ ދެ ބިލު، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު:

* ކައުންސިލްތަކުގެ ޢުމުރު، 3 އަހަރުން 5 އަހަރަށް ބަދަލުކުރުން.
* ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، * އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ކަނޑައެޅުން.
* އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބުރައީސުން އިންތިޚާބުކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުން.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަ އިސްލާހު:

* ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ޤާނޫނުން އެ ކަންކަން ކަނޑައެޅުން.
* ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދު ކަނޑައަޅާނެ ގޮތުގެ އުޞޫލުތައް ޤާނޫނުގައި ބަޔާންކޮށް، ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން.
* ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އަށްވާ ޢަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ %40 (ސާޅީސް އިންސައްތަ) އަށްވާ ޢަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން.
* ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، އެ މަޝްރޫޢެއްގެ އަގު 5 މިލިއަނަށްވުރެ ކުޑަ މަޝްރޫޢުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުން.
* ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުން.
* ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ %33 (ތިރީސް ތިނެއް އިންސައްތަ) ޚާއްޞަކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުން. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައިދިނުން ފަދަ * އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށްދޭންވާނެ ކަމަށް ކަނޑައެޅުން.
* ރަށު ކައުންސިލުތަކެކޭ އެއްފަދައިން ސިޓީތަކުގައިވެސް އާބާދީއަށް ނިސްބަތްކޮށް މެންބަރުން އިންތިޚާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރާ ގޮތް ބަދަލުކުރުން.
* ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފަދަ ޢާންމު ޚިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާގުޅޭ އުޞޫލުތަކާއި، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ކަނޑައެޅުމާއި، އެފަދަ ތިންވަނަ ފަރާތަކުން ޚިދުމަތް ފޯރުކޮށްދޭ ޙާލަތުގައިވެސް، އެ ޚިދުމަތަކާ ގުޅޭގޮތުން ޢާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖެއްސުން.
* ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގައި ކައުންސިލަރުން ތަމްސީލުވާނެ ގޮތަށް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
* ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ވީ ވަރަކުން ކައުންސިލުތަކުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ކަނޑައެޅުން.
* ކައުންސިލުގެ ޒިންމާދާރު ވެރިޔާ ޢައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން.

މި ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކަށް ބާރު ދޫކޮށްލުން ކަަމަށާއި، ކައުންސިލްތަކަށް ބާރު ދިނުމުން ރަނގަޅު ހިދްމަތެއް ރައްޔިތުންނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެކުރިން އެތައް ފޯރަމެއްގައި ވިދާޅުވެފައެވެ.