ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ގާނޫނުގެ ތެރެއިން ތަހުގީގުކޮށް އެކަންކަމަށް ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ޔޫތު މިނިސްޓްރީން ސަސްޕެންޑު ކުރި ކަމުގެ ލިޔުން ޓްވީޓާގައި ޕޯސްޓު ކުރައްވާ ލިޔުއްވާފައިވާ ލިޔުމެއްގައި އިމްރާން ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށެވެ. އަދި އެކަން މި ސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ އެ ޖަމިއްޔާ އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުންނާއި، އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.
"ޖަމިއްޔާތަކުގެ ގަވާއިދުގެ 39 ވަނަ މާއްދާ އިން، ޖަމިއްޔާތަކާބެހޭ ރަޖިސްޓްރާ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުގެ ހަރަކާތްތައް، މިއަދުން ފެށިގެން ހުއްޓާލަން އަންގަމެވެ" ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓެއް ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީން ފުލުހަށް ހުށަހަޅާފައިވާއިރު ބައެއް ފަރާތްތަކުން އަންނަނީ އެ ޖަމިއްޔާ އަށް އުވާލުމަށް ވެސް ގޮވާލަމުންނެވެ.
އެމްޑީއެންގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދިފަހުން ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.