ފުވައްމުލަކުގައި ސަރުކާރުން އެޅި ފްލެޓުތަކުގެ އަގު ކަނޑައެޅިއިރު އަތްނުފޯރާ ފަށަށް އަގު ބޮޑުވުމުން އެސިޓީގެ ރައްޔިތުންގެ ކަންބޮޑުވުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ހިއްސާ ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުވުމުގައި ފުވައްމުލަކުގައި ތަރައްީއަށް ކުރެވޭ މަސައްކަތްތަކާ އަދި ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކާއި ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެއިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ އުމުރާނީ މަސައްކަތްތައް ކުރުމަށް ވެލި ލިބުމުގައި ހުރި ދަތިތަކާއި، ރަށުގެ ސްކޫލުތަކަށް އިތުރު ވަސީލަތްތައް ބޭނުންވާކަމާއި ތައުލީމީ ދާއިރާއިން ހުރި ކަންބޮޑުވުންތައް ވަނީ ރައީސް ސޯލިހާއި ހިއްސާ ކުރައްވާފައެވެ.
މީގެއިތުރުން ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާއި މަސްވެރިންނާ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލައާއި ބަނދަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. އަދި ސިއްހީ ދާއިރާއިން ގެންނަން ބޭނުންވާ ކުރިއެރުންތަކާ ބެހޭގޮތުންނާއި ޒުވާނުންގެ ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކުގެ ބަނދަރުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ކައުސިލަރުންނާ ހިއްސާކުރެއްވިއެވެ. އަދި ވެލި ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.