Last Updated: July 28, 11:30
Tuesday, July 28, 2026
ޚަބަރު

އާރްޑީސީގެ އެމްޑީއަކަށް މޫކޭ ހަމަޖައްސައިފި

މޭކޭ -- ފޮޓޯ / ފޭސްބުކް

މަގު ބެލެހެއްޓުމުގެ މަސައްކަތްތަކަށް އުފައްދާފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މޫސާ އަލި މަނިކް (މޫކޭ) ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު އައްޔަންކުރައްވައިފި އެވެ.

މަގު ބެލެހެއްޓުމުގެ މަސައްކަތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފައްދާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ކުންފުނީގެ ބޯޑަށް މިވަގުތު ހަމަޖައްސަވާފައި ވަނީ ވެސް މޫކޭ އެކަންޏެވެ. މޫކޭއަކީ ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މޫކޭ އަކީ މިދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަ ކުރައްވާފައެވެ. ނަމަވެސް އޭނާ ވަނީ އެ ޕްރައިމަރީން ނާކާމިޔާބު ވެފައެވެ. ޕްރައިމަރީގައި މޫކޭ ވާދަ ކުރެއްވީ އޭނާގެ އަމިއްލަ ދާއިރާ އިނގުރައިދޫ ދާއިރާއަށެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް އުފެއްދި ޚާއްޞަ ކުންފުންޏެކެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓުމަކީ އަސާސީ ޚިދުމަތަކަށްވާތީ މިފަދަ ކުންފުންޏެއް އޮތުމަކީ މުހިންމުކަމެއްކަމަށް ރައީސް އޮފީހުން ވަނީ މީގެކުރިން ބުނެފައެވެ.