މާލެ މީހުންނާއި ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނާއި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށްވާ ނަމަ، ދެކުނު ރައްޔިތުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެފައި ވަނިކޮށެވެ. ހުޅުމާލޭގެ ބިމަކީ މާލޭގެ ރައްޔިތުންނަށް ހައްގު ބިމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވި މައްސަލައިގައި އޭނާ އަށް ބައެއް މެމްބަރުންނާއި އާންމުންގެ ފަރާތުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.
ބޮންޑޭގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. ހުޅުމާލެއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާކޮށްފައިވާ ސިޓީއެއް ކަމަށް ސައުދު ވިދާޅުވިއެވެ.
"މާލެ ބޭފުޅުން އަތޮޅު ތެރޭ ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރުވާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް، ތަފާތު ކުރުންތައް ހުއްޓާލާ،" ސައުދު ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން މަޖިލީހަށް އިންތިޚާބުވި ހުރިހާ މެމްބަރުން ވެސް، މާލެ ވަޑައިގެން މާލެ އިން ހޯއްދެވީ ގޯތި ކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެނބުރި އެ ބޭފުޅެއްގެ ރަށަށް ވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް އޮތީ އޭރުގައި އޮންނަ ރައީސަކަށް "ސަނާ" ކިޔައި "ހުޝާމަދު" ކުރާ މީހުންނަށް ގޯތި ލިބޭ ގޮތަށެވެ. އަދި މިއަދާ ހަމައަށް އައި އިރު، އެ ސަގާފަތަށް ނިމުމެއް ނާންނަ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގައި ބޮންޑޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ 19 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ ވެސް އޮތީ ރާއްޖެތެރެއަށެވެ. މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 87 މެމްބަރުންގެ ތެރެއިން 72 މެމްބަރުންނަކީ ރާއްޖެތެރޭގެ މެމްބަރުން ކަމަށް ވިދާޅުވި އެވެ. ބާކީ 15 މެމްބަރުންނަކީ ވެސް މާލޭގެ މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ރާއްޖެތެރޭގެ މީހުން ބޭނުމެއް ނުވޭ، އެއްވެސް ބަޔަކަށް ތަފާތު ކުރުމެއް، ދެރަ ގޮތެއް ބަޔަކަށް ހަދާކަށް" އެއްވެސް ބަޔަކު ބާކީ ކުރަން ބޭނުން ނުވާ ކަން ފާހަގަ ކުރައްވައި ޔައުގޫބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެއަކީ ރާއްޖޭގެ އެންމެންގެ ވެސް ތަނެވެ. އެތަނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްގީ ކުރާ ތަނެއް ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލެއަކީ ވެސް ރާއްޖެތެރޭގެ ރަށެއް ކަމަށާއި ވަކި ރަށަކާ މެދުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.