މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މައްސަލައަކީ އިތުރަށް ތަހުގީގު ކުރަންޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށާއި ސަރުކާރުން އެ ބަހަނާ ދައްކަމުން ދަނީ އެ ޖަމިއްޔާއަށް ފިޔަވަޅު އަޅަން ނުކެރޭތީ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
"އަންނަނީ އަންނަނީ" މި ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މިކަމުގައި އަމަލު ކުރައްވާ ގޮތުން މިކަމުގައި ނުބައެއް އުޅޭ ކަމަށެވެ. ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އަމަލު ކުރައްވަމުން ގެންދަވާ ގޮތުން މިކަމުގައި ސިއްރުތަކެއް އުޅޭ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ކަމެއްގައި އެންމެ ފުރަތަމަ ބަސް ބުނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެންމެ ފުރަތަމަ މިކަމުގައި ފިޔަވަޅު އެޅުމަށް މުއައްސަސާތަކަށް އަންގަން ޖެހޭނީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެހާ ދުވަސް ކުރައްވާފައި ވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދެންނެވިހާ ވެސް ވާހަކައަކީ މިކަން ތަހުގީގު ކުރަމުން ގެންދާނެ ވާހަކަ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ވަރަކަށް ތަހުގީގު ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި ތަހުގީގު ކުރުމުގެ ވާހަކަ ދައްކަނީ އެމްޑީއެންއަށް ފިޔަވަޅ ު އަޅަން ނުކެރިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
""އިސްލާމީ ދައުލަތަކާއި ދެކޮޅަށް، އިސްލާމްދީނާއި ދެކޮޅަށް ގޮންޖަހާފައި ނިކުތީމާވެސް އެކަމަށް ވެސް އެބަ ނަގާ 10 ދުވަސް. ޓްރެފިކް މައްސަލައަކަށް ޖަވާބު ދޭންވެސް ސަރުކާރުން އެބަނަގާ 10 ދުވަސް. މިއީ ދީނީ މައްސަލައެއް. މިކަަމުގައި ސަރުކާރުން އަވަހަށް ބަސް ބުނަން އެބަޖެހޭ. އަވަހަށް ފިޔަވަޅު އެޅެން އެބަޖެހޭ. އެކަމަކު މިފަދަ މައްސަލައެއްގައި ރައީސުލްޖުމްހޫރިއްޔާ މިހާ ވަނދުވީމަ މިކަމުގައި ސިއްރުތަކެއް އުޅޭކަން އެބަ އެނގޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ބޭއްވި ފޯރަމެއްގައި އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއީލް ކުރީގެ ރައީސް ޔާމީން ޕޯޑިއަމަކަށް އަރުއްވައިފި ނަމަ އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް އަބަދުވެސް ވިދާޅުވާނެ ކަމަށް ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ "ޝަހިންދާއަށް ދަންނަވާލަން އަދިވެސް ރައީސް ޔާމީންގެ ވެރިކަމެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގައެއް ނުދޭނަން" ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ދުވަހެއްގައި އެމްޑީއެންގެ މަގާމުތައް ފުރުއްވުމަށްފަހު މައްސަލަ ފެންމަތިވި ހިސާބުން މަގާމުތަކުން އިސްތިއުފާ ދެއްވާ ނުވަތަ ސަރުކާރުގެ މަގާމެއް ލިބުނު ހިސާބުން އެމްޑީއެންގެ މަގާމުތަކުން އިސްތިއުފާ ދެއްވި ނަމަވެސް އެކަމުން ބަރީއަވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުލިބޭނެ ކަމަށެވެ.