މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނެ ނެރެފައިވާ ރިޕޯޓުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި އިރުވެސް އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއީލް ރަށުގައި ނޫޅުއްވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު ޝަހިދާ ފިލައިގެން ޖަރުމަނަށް ދިޔަ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެގޮތުން ޝަހިންދާ ޖަރުމަނުވިލާތަށް ފުރާ މިނިވަން ފިކުރުގެ ދަށުގެ އެސައިލަމްއަށް ހުށަހަޅައިފި ކަމުގެ އަޑުތަކެއްވެސް އިއްޔެ ފެތުރިގެން ދިޔައެވެ. އަދި ޝަހިިންދާ ފުރިކަން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް އެނގޭ ކަމަށް ވެސް ސޯޝަލް މީޑިއާގައި އިއްޔެ އަޑު ފެތުރިގެން ދިޔައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓު އެ އިދާރާގެ ސަމާލުކަމަށް އައިއިރުވެސް ޝަހިންދާ ރާއްޖޭގައި ނޫޅުއްވާ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. މި ރިޕޯޓުގައި މި ހުރި ކަންކަމާއި ގުޅިގެން އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ އަންނަނީ އަޑު އުފުލަމުންނެވެ.
އެމްޑީއެންފެ ރިޕޯޓުގައި ހުރި ކަންކަން ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ޔޫތު މިނިސްޓްރީން މިހާރު ވަނީ އެ ޖަމިއްޔާ އުވާވެސް ލާފައެވެ. އެ ޖަމިއްޔާ ސަސްޕެންޑު ކުރުމާއި ގުޅިގެން ޝަހިންދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖަމިއްޔާ ސަސްޕެންޑު ކުރިއިރު ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ. އަދި އެޖަމިއްޔާއާ މެދު ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ހިލާފަށް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެވާހަކަ ދައްކަން ފައްޓައިފި ނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރައީސް ސޯލިހު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.