Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

އެމްޑީއެން ރިޕޯޓު ތައްޔާރުކުރި މީހުން "އަބޫޖަހުލަށް"ވުރެ ނުބައި: މުއިއްޒު

ޑރ. މުއިއްޒު -- ފޮޓޯ / ސަން

މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓު ތައްޔާރުކުރި މީހުންނަކީ އަބޫޖަހުލަށްވުރެ ނުބައި ބައެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އަންނަނީ އަންނަނީ" މި ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ރެލީގައި ވާހަކަަދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އަބޫޖަހުލު ވެސް ކީރިތި ރަސޫލާއަކީ ތެދުވެރިއެއް ކަމަށާއި އެކަލޭގެފާނު އިތުރުފުޅު ނުހައްދަވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާ އިސްރާމިއުރާޖަށް އަރާވަޑައިގެން ހާދިސާއަކީ ހިޔާލީ ފޮލައެއް ކަމަށް ބުނެފައިވާއިރު އެކަމަށް ޝައްކު އުފައްދާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ﷲ ވޮޑިގެންވާ ކަމާއި މެދު ސުވާލު އުފެއްދީ، އިސްލާމް ދީނުގެ އަސާސް ކަމުގައިވާ ޝަހާދަތުގެ ދެކަލިމަޔަށް ސުވާލު އުފައްދަނީ، ރަސޫލާ އިސްރާމިއުރާޖަށް އަރާވަޑައިގެން ހާދިސާއަކީ ހިޔާލީ ފޮލައެއް ކަމަށް ބުނި، މިއީ ހުސް ގުރުއާނުގައި ބަޔާންކޮށްފައިވާ ކަންކަން. މިކަންކަމާއި ސުވާލު އުފެއްދުމުން ކީރިތި ގުރުއާނާ މެދު އެ ސުވާލު އުފެދެނީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިއަދު ދިވެހި ގައުމުން ފެނިގެން ދަނީ ހުސް ވިސްނަން ޖެހޭ ކަންކަން ކަމަށާއި އެކަންކަމާއި މެދު ވިސްނައިފި ރައްޔިތެއްގެ ލޮލުން ކަރުނަ އަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހިންގެ އަމިއްލަ އަތުން އިސްލާމްދީނާއި ދިވެހި ގައުމިއްޔަތު ބީވެގެންދާން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ އެވަރުގެ ކަމެއް ކޮށްފައި ދިވެހި ރައްޔިތުންގެ ކިބައިން މައާފު ކުރި ނަމަވެސް "މާއަފެއް ނުކުރެވޭނެ" ކަމަށް ވިދާޅުވެފައެވެ.

"މިއީ އާދައިގެ ކަމެއް ނޫން، އެމީހުން ބޭނުންވަނީ އެ ރިޕޯޓުގައި ހުރި ކަންކަން ސްކޫލުތަކުގެ ފޮތްތަކަށް ލިޔަން. އެއީ މިކަން ކަމަށް ތައްޔާރު ކޮށްފައި އޮތް ކަމެއް. މިއީ ފެށުނީއްސުރެއް ބަޔަކު ކުރަން މަސައްކަތެއް އެކަންކަން އެމީހުންނަށް މި ވޭތުވެދިޔަ ފަސް އަހަރު ނުކުރެވެނު، އެއީ ރައީސް ޔާމީން ކުރެއްވި ބުރަ މަސައްކަތުން،" މުއިއްޒު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ އެކި މަގާމުތަކުގައި އެމްޑީއެންގެ އިސް ވެރިން ތިބިކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންގެ ބައިތުލްމާލުން އެމީހުން ހަރަދު ކޮށްގެން ނުވާނެ ކަމަށެވެ.