Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

އެންމެ ބޮޑު ފިތުނައެއް އުފައްދަނީ އިސްލާމިކް މިނިސްޓަރު: އިބްރާ

އިބްރާ -- ފޮޓޯ / އަވަސް

އިސްލާމިކް މިނިސްޓަރަށް ވުރެ ބޮޑަށް ފިތުނައެއް އުފެއްދި މީހަކު މިގައުމުގައި ހުންނާނެތޯ އައްސަވާ، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސުވާލު އުފައްދަވައިފިއެވެ.

އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއީލްގެ ބޭބެ، އިބްރާހީމް އިސްމާއީލް (އިބްރާ) މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމިކް މިނިސްޓަރަށްވުރެ މިގައުމުގައި ފިތުނައެއް އުފެއްދި މީހަކު މިފަހަކަށް އައިސް ހުންނާނެތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ އެ ފިތުނައިގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ.

އިބްރާ މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ ރިޕޯޓެއް ނެރެފައި ވަނިކޮށް އެ މައްސަލަ ބަލައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ. އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބޮޑުވެ އެކަމާއި އާއްމު ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅު ކުރަމުން ގެންދާތީ ޔޫތު މިނިސްޓްރީން މިހާރު ވަނީ އެ ޖަމިއްޔާ ސަސްޕެންޑުވެސް ކޮށްފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ރަސޫލާގެ އިސްރާއާ މިއުރާޖުގެ ދަތުރުފުޅަކީ ހިޔާލީ ފޮލާއެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފައެވެ. މިކަމާއި ގިނަ އިލްމުވެރިން އަންނަނީ އެ ޖަމިއްޔާ އުވާލަން ގޮވާލަމުންނެވެ. އެކަމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިސްލާމިކް މިނިސްޓަރާއި ވެސް އިލްމުވެރިން ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އެމްޑީއެން މައްސަލަ ތަހުގީގު ކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓަރަކީ ފިތުނަ އުފައްދަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އެ މޭރުމުން އިބްރާ ވާހަކަދެއްކެވިއިރު އިސްލާމިކް މިނިިސްޓްރީއަކީ މި ގައުމުގެ ހަލާކު ކަމަށް ޝަހިންދާ ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.