Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

އެމްޑީއެން ރިޕޯޓަކީ މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ: ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް --

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ ނެރެފައިވާ ރިޕޯޓަކީ މިހާތަނަށް ރާއްޖޭގައި ބަޔަކު ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

"އަންނަނީ އަންނަނީ" މި ނަމުގައި ޕީޕީއެމް އަދި ޕީއެންސީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރެލީގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި އެޕާޓީގެ ޕީޖީ ލީޑަރު ސަލީމް ވިދާޅުވީ މީގެ ކުރިންވެސް ޣައިރު މުސްލިމުން އިސްލާމްދީނާ ދެކޮޅަށް ތަފާތު ކަންކަން ކުރުމަށް ރާއްޖޭގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްޑީއެންއިން ކޮށްފައިވާ ކަމަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މަޖިލިސް ޗުއްޓީގައި ވަނިކޮށް އަވަސް އަރުވާލައިގެން ޓެރަރިޒަމްގެ ގާނޫނަށް ދާދިފަހުން އިސްލާހުތަކެއް ގެނެސް ފާސްކޮށްފައިވާ ކަމަށެވެ. އެ ގާނޫނަށް ގެނައި އިސްލާހުތަކަށް އެކަނި ބަލާލި ނަމަވެސް އެމްޑީއެން ރިޕޯޓުގެ ނުރައްކާކަން އެނގިގެން ދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި ބަޔަކަށް މިވަރުގެ ޖަރީމާއެއް ހިންގަން ކެރުނީ އެކަމަށް ވާގި ދޭނެ "ބޮޑުން" ގެ ބަޔަކު ތިބުމުން ކަމަށާއި އެހެން ނަމަވދސް އިސްލާމް ދީނާ ދެކޮޅަށް ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވާން ދިވެހިން ތިބީ ތައްޔާރަށް ކަމަށެވެ.

ރޭގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގަތް ވާހަކަދެއްކެވިއެވެ. އެމްޑީއެން ރިޕޯޓާއި ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އެމްޑީއެންގެ މައްސަލާގައި އަމަލު ކުރައްވާ ގޮތުން އެކަމުގައި "ނުބައެއް" ނުވަތަ "ނޭނގޭ ސިއްރު"ތަކެއް އުޅޭ ކަމަށް ބެލެވޭ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެ އިދާރާއިން އެ މައްސަލަ ބަލަމުން ދަނީ ހާއްސަ މައްސަލައެއްގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ. ޔޫތު މިނިސްޓްރީން މިހާރު ވަނީ އެމްޑީއެން ސަސްޕެންޑްވެސް ކޮށްފައެވެ.