ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަތުންވެސް އިންކަމް ޓެކްސް ނެގިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމާ ގުޅޭ އާންމު ސުވާލާއި ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުނީ ދިވެއްސެއް ވިއަސް އަދި ބިދޭސީއެއް ވިއަސް އެމީހަކަށް އާމްދަނީ ލިބެނީ ރާއްޖެއިން ކަމަށްވާނަމަ, އިންކަމް ޓެކްސް ނެގޭނެ ކަމަށެވެ. ނަމަވެސް ބިދޭސީންނަށް ވަކި އުސޫލެއް އޮވޭތޯ ނޯވޭތޯ ވެސް އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ފިނޭންސް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ބިދޭސީންގެ އަތުން ނަގަމުން އަންނަ ރެމިޓެންސް ޓެކްސް ނެގުން ހުއްޓާލަން ނިންމާފައި ވަނިކޮށެވެ. އެއީ އޭގެއިން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ.
ސުވާލާއި ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުނީ ރެމިޓެންސް ޓެކުހަކީ ދިވެހިރާއްޖެއިން ބޭރަށް ދާ ފައިސާއިން ބައެއް، ދިވެހިރާއްޖޭގައި ހިފެހެއްޓުމުގެ މަގުސަދުގައި ނަގަން ފެށި ޓެކުހެއް ކަމަށެވެ. އެ ޓެކްސް ނަގަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ބޭންކު ނޫން މާލީ އިދާރާތަކުގެ ތެރެއިން އެއްވެސް ސިފައެއްގައި ދިވެހިރާއްޖެއިން ބޭރާށް ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާއިން ކަމަށް ފިނޭންސުން ބުނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ބޭރަށް ފޮނުވާ ނުވަތަ ގެންދާ ނަގުދު ފައިސާއިން މި ޓެކްސް ނަގައެވެ.
ރެމިޓެންސް ޓެކްސް ނަގަން ފެށުމާއެކު، ދިވެހިރާއްޖޭގައި ބޭންކުތައް ނުވަތަ އެހެނިހެން މަނީ ޓްރާންސްފާ އޭޖެންސީތައް މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. މިއާއެކު، ރެމިޓެންސް ޓެކްސްގެ ސަބަބުން ތަކުލީފު ބޮޑުވީ އެންމެ މަދުން އާމްދަނީ ލިބޭ ބިދޭސީންނަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އިންކަމް ޓެކުހަކީ ދޭސީއެއް ނުވަތަ ބިދޭސީއެއްވިޔަސް މި ގައުމުގައި ވަޒަންވެރިވެފައިވާނަމަ ދައްކަންޖެހޭ ޓެކުހެއް ކަމަށާއި އެހެންކަމުން އިންކަމް ޓެކުހުން ސަރުކާރުން ޓެކްސް ކުރަން ބޭނުންވާ ބިދޭސީ ވަޒީފާ އަދާކުރާ ފަރާތްތަކުން މާ ފުރިހަމަ ނިޒާމެއްގެ ދަށުން ޓެކްސް ކުރެވޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބްރެކެޓްސް
* އާމްދަނީ 40،000-0 ލިބޭ ފަރާތްތައް – ޓެކްސް ނުނަގާނެ
* އާމްދަނީ 60،000-40،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް
* އާމްދަނީ 100،000-60،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް
* 100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް
އިންކަމް ޓެކްސްގެ ބިލު ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.