އައްޑޫ ނޭޗާ ޕާކްގެ ވިޒިޓާސް ސެންޓަރުގައި ރެސްޓޯރަންޓެއް ހިންގާނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އެންވަޔަރަމަންޓު މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އައްޑޫ ނޭޗާ ޕާކަކީ ހިތަދޫ އީދިގަލި ކުޅި އާއި ކޯއްޓޭ ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ އިކޯ ޓޫރިޒަމް ސަރަހައްދެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން އައްޑޫ ނޭޗާ ޕާކުގައި ރެސްޓޯރަންޓެއް ހިންގުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިވެސް އިއުލާނުކުރިއެވެ. ނަމަވެސް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިއުލާނު ބާތިލުކޮށް އަލުން ބީލަން ހުށަހަޅާފައި ނުވާ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުންޏެވެ. އެހެންކަމުން އެ އިއުލާން ބާތިލްކޮށް އަލުން އިއުލާނަށް ހުޅުވާލީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މިސައްކަތުގެ ބީލަން ފޮތް އެންވަޔަރަމަންޓު މިނިސްޓްރީން ގެޒެޓުގައި ކޮށްފައިވާ އިޢުލާނާއެކު ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވާ ނަމަ އެ މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.
އެންވަޔަރަމަންޓުން ބުނީ ބީލަން ހުޅުވުން އޮންނާނީ އައްޑޫ ނޭޗާ ޕާކުގައި، އެކަމަށް އެދި ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައި މި މަހުގެ 31ވަނަ ދުވަހު ދުވަހު ކަމަށެވެ.
އައްޑޫ ނޭޗާ ޕާކަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔުނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ގެ ބައެކެވެ.