Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

އާ ހޮސްޕިޓަލުގައި ވެސް ފެންބޮޑުވެފައި!

އައްޑޫ އެކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ އިމާރާތުގައި ތަރައްގީކޮށްފައި ހުރި ޓާޝަރީ ހޮސްޕިޓަލުގައިވެސް މިއަދު އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ވާރޭވެހި ފެންބޮޑުވެއްޖެއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެންބޮޑުވެފައިވާ ތަނުގެ ތެރޭގައި އަލަށް ފުރާޅު ބަދަލުކޮށްފައިވާ ސަރަހައްދުގައި ހުރި ވޯޑެއް ވެސް ފުރާޅުން ފެން ލީކުވެ، ހިމެނެއެވެ. އާ ހޮސްޕިޓަލް ނިމި ހުޅުވަން ތައްޔާރުވަމުން އަންނައިރު ފެންބޮޑުވެފައިވާ ވޯޑަކީވެސް ނިމިފައި ހުރި ވޯޑެކެވެ.

އެތަނުގައި އެނދާއި އެހެނިހެން ސާމާނުވެސް ހުރިއިރު ވޯޑު ތެރޭގައި ފެންބޮޑުވެ ބައެއް ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ދެވަނަ ފްލޯގައި ހުރި ވޯޑެއްގައި ފެން ބޮޑުވެފައިވަނީ ފުރާޅުން ލީކުވެގެންނެވެ. ނަމަވެސް އެތަނުގެ ފުރާޅު ބަދަލުކޮށް މަރާމާތުކޮށްފައިވަނީ ވަރަށް ފަހުން ކަމަށްވާތީ ފެންބޮޑުވި ސަބަބާމެދު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް ރެއިން ފެށިގެން މިއަދާ ހަމައަށް އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ހުރިހާ އަވަށެއްގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. ކައުންސިލުން ބުނެފައިވަނީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.