Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

ޝަރުއީ ދާއިރާ ރިޕޯޓު: އެއީ ޖޭއެސްސީ އަތްބާނަން ދިން ހުއްޖަތެއް

ޑރ. މުހައްމަދު ޖަމީލް އަހުމަދު - ފޮޓޯ: ޕީއެސްއެމް

ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާގެ ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރެއްވުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ޝަރުއީ ދާއިރާއަށް އަތް ބާނަން ދީފައިވާ ހުއްޖަތަކެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މިއީ މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހެދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އައްޔަންކުރި ކޮންސަލްޓަންޓް، ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާގެ ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރެއްވުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓަށް ފާޑުވިދާޅުވެ ޑރ. ޖަމީލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ
ޖުޑިޝަރީއާ ބެހޭ ރިޕޯޓަކީ ޖޭއެސްސީން ޖުޑިޝަރީއަށް އަތް ބާނަން ދޭ ހުއްޖަތެއް ކަމަށެވެ.

"ރިޕޯޓުގައިވަނީ 1 ރިފޯމް؛ ފަނޑިޔާރުން ވަކިކުރުން. ހަމައެކަނި ރަނގަޅު ޢަމަލަކީ ރައީސް ނަޝީދުގެ ހުކުމް ބާތިލްކުރުންބާ؟ ޖޭއެސްސީގައި އޮތް ސިޔާސީ ނުފޫޒް ޖޯހަން ކްރިގްލާއަށް މައްސަލައަކަށް ނުވީ ކީއްވެ،" ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ވައުދުވެފައިވާ ކަމެކެވެ.

އެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން "ނަމަހަ" ގޮތުގައި އެ ކޯޓުގެ ފަނޑިޔާރުން ހިފާފައިވާ ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

މިދިޔަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން، އޭރު ރާއްޖޭގައި އުފެދިގެން ދިޔަ ސިޔާސީ ހަލަބޮލި ކަމުގެ ފުރިހަމަ ޒިންމާ ސުޕްރީމް ކޯޓުން ނަގަން ޖެހޭނެ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކްރީގްލާގެ ރިޕޯޓުގައި 2018ވަނަ އަހަރުގެ ތެރޭގައި ހިނގާދިޔަ އެ ކަންކަމާއި ގުޅޭ ގޮތުން ފަނޑިޔާރުންނާއި ވެސް ވާހަކަދައްކަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެދޭ ޖަވާބެއް ފަނޑިޔާރުންގެ ފަރާތުން ނުލިބޭ ކަމަށް ރިޕޯޓުގައިވެއެވެ. ހަމަ އެއާއެކުގައި މިހާރު ފަނޑިޔާރުކަމުން ރިޓަޔާޑު ކުރައްވާފައިވާ ބޭފުޅުންނާއި ވެސް އެކަމުގައި ކްރީގްލާ ވަނީ ބައްދަލު ކުރައްވާފައެވެ.

އެހެންކަމުން އޭނާ ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ކޮންމެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށް ގެންދިޔަ ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރު ކުރުމަށް އިސްކަން ދިނުމުގެ މައްޗަށް ރިޕޯޓުގައި އަލިއަޅުވާލައިފައެވެ.

ރިޕޯޓުގައި ބުނީ ފާއިތުވެގެން ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ގާނޫނާއި ހިލާފު އެތައް އަމަލެއް ކޮށްފައިވާ ކަމަށެވެ. އަދި އެކޯޓަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބިރެއްގެ ގޮތުގައި ކްރީގްލާގެ ރިޕޯޓުގައި ވަނީ ސިފަ ކޮށްފައެވެ.