Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

ވިއްސާރާގައި އައްޑޫގެ 50 ގެއަކަށް ފެން ވަދެ، އެކިވަރުގެ ގެއްލުންވެއްޖެ

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 50 ވަރަކަށް ގެ އަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައްވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ގެއްލުންވި ގެތަކުގެ ހާލަތު އިތުރަށް ބަލަމުން އަންނަ ކަމަށެވެ. ކައުންސިލުން ބުނީ ވިއްސާރައިގެ ސަބަބުން ދެ ގެ އެއްގައި ނޫޅެވޭ ވަރަށް ފެންވަދެފައިވާ ކަމަށެވެ. އެހެންކަމުން އެ ގެތަކުގެ މީހުން މިހާރު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ފެން ހިންދުމުގެ މަސައްކަތާއި ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުން ފަދަ މަސައްކަތްތައް އެމްއެންޑީއެފް ސަދަން ކޮމާންޑާއި އައްޑޫގައި ތިބޭ ފުލުހުންނާއި އައްޑޫގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ރެއިން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި އެ ސިޓީގެ އެކި އަވަށްތަކުގެ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށާއި ހަމަ އެއާ އެކު، އެކަމާ ބެހޭ މައުލޫމާތު ވެސް އެހެން ފަރާތްތަކަށްވެސް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.