އައްޑޫ ސިޓީއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި އެ ސިޓީގެ ރަށްތަކުގައި ފެން ބޮޑުވެ، ބައެއް ގެތަކުން މީހުން ހުސްކޮށްފިއެވެ.
އައްޑޫއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ގެތަކަށް ވެސް އަންނަނީ ފެން ވަންނަމުންނެވެ. އެގޮތުން މިހާރު ހައެއްކަ ގެއިން ވަނީ މީހުން ހުސްކޮށްފައެވެ. ކައުންސިލުން ބުނަނީ ފެން ވަދެ ގެއްލުންވި ގެތައް ގިނަ ކަުން ބައެއް ގޭގެ މީހުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ނުދެވި އެބަހުރި ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން ކުންފުނިތަކުން ވެސް ކުރަމުން އަންނަ ކަމަށެވެ. އައްޑޫ ސިޓީއަށް ރޭ 8:00 އިން ފެށިގެން މިއަދު ހެނދުނު 6:00 އާ ހަމައަށް އައްޑު އަށް 107 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެފައި ވަނީ އައްޑޫގެ ހާލަތު ވަރަށް ގޯސް ކަމަށާއި، އެ ސިޓީގެ މިހާރުގެ ހާލަތާއި މެދު ދަންނަވާނެ އެއްޗެއްވެސް ނޭނގޭ ކަމަށެވެ.
ވިއްސާރާގައި އައްޑޫ ސިޓީގެ 140 ގެއަކަށް މިހާތަނަށް ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ހިތަދޫގެ 44 ގެއަކާއި މަރަދޫ ހަތަރު ގެއަކާއި މަރަދޫ ފެދޫގެ 12 ގެއެކެވެ. އަދި ފޭދޫގެ 43 ގެއަކާއި ހުޅުދޫގެ 10 ގެއަކާއި އަދި މީދޫގެ 27 ގެއެކެވެ. ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަަމަށް އެދުނު ގެތަކުގެ ތެރެއިން 28 ގެއަކަށް އެހީތެރިކަން އަދި ދެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ގެތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މިވަގުތު ވާރޭ ވެހުން ހުއްޓާލާފައި އޮތް ނަމަވެސް މިރޭ ދަންވަރު އަނެއްކާވެސް އައްޑޫއަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ.