Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ޚިޔާލު ތަފާތުވުމަކީ ހަމަނުޖެހުން އުފެދުމެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

އެކެއް އަނެކަކާ ޚިޔާލު ތަފާތުވުމަކީ އެބަޔެއްގެ މެދުގައި ހަމަނުޖެހުން އުފެދެންވީ ސަބަބެއް ނޫން ކަމަށާއި، މައްސަލައަކަށް ވަނީ އެކަކު ދައްކާ ވާހަކަ އަނެކަކަށް ޚަޖަމު ނުކުރެވޭ ހިސާބުން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރައިޒްޑޭ ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ހުރިހާ ކަމެއް ޚަރާބު ނުވެ ދާނީ ވަރަށް ވިސްނައިގެން ބުއްދިވެރިކަމާއެކު ކަންތައް ކޮށްގެން ކަމަށެވެ.

ދިވެހި މުޖުތަމައުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިވެހި މުޖުތަމައުގައި އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް އަނިޔާވެރި ވާހަކަ ދެކެވެން ފަށައިފި ކަމަށެވެ. މިވެނި މީހަކީ ގޯސް މީހެއް ކަމަށް ބަލާ، އޭނާއާ ދޭތެރޭ ހަދަން ޖެހެނީ މިވެނި ގޮތަކަށް ކަމަށް ބުނާއިރު އަނެއްބަޔަކު ދެކެނީ އޭނާއަކީ ރަނގަޅު މީހެއްގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރީތިކޮށް ތިބި ގައުމުތައް ސުންނާފަތިވެ ބިމާހަމަވެގެން ގޮސްފައިވާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި ކަމަށެވެ. އަދި ރާއްޖޭގެ މުސްތަގުބަލު ނިމިގެންދާނީ މިއަދު އަޅުގަނޑުމެން އަޅާ ފިޔަވަޅުން ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އަމާން މަންޒިލަކަށް ގެނެސްދިނުމުގެ ޒިންމާ އެޅިފައި އޮތީ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިއަދު ރާއްޖެއިން ފެންނަން އޮތް ހަގީގަތަކީ އެއް ބަޔަކު އަނެއް ބަޔަކު ލޭބަލް ކުރަމުންދާތަނެވެ. އެއްބަޔަކާ ދިމާލަށް "ލާދީނީ" ގޮވަމުން އަންނައިރު އެބަޔަކު ގޮވި މީހުންނަށް ގޮވަނީ "ހައްދުފަހަނަޅާފައިވާ ބައިގަނޑު" ގެ ގޮތުގައެވެ. ހޯމް މިނިސްޓްރީން ވަނީ އެއްވެސް ފަރާތަކުން ފިތުނަ އުފެއްދުމަށް ނުވަތަ ހަރުކަށި ފިކުރު ފެތުރުމަށް ގޮވާނުލުމަށް އިލްތިމާސްކޮށްފައެވެ.