Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

ސީލައިފުން ރައީސް ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާކުރި މައްސަލައެއް ބަލަނީ

ސީލައިފް ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ސީލައިފް އިސްވެރިންނާއި އެކުގައި -- ފޮޓޯ / ރައީސް އޮފީސް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ސީ ލައިފުން 15،000 ޑޮލަރު ޖަމާކޮށްފައި މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަން ފަށަފައިފިއެވެ.

ސީލައިފަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި 30،000 އެޕާޓުމަންޓު އެޅުމަށް ހަވާލުކުރި ކުންފުންޏެކެވެ. އެއީ 2014ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެޕާޓުމަންޓުތައް މީހުންނަށް ވިއްކުމަށްފަހު ފްލެޓު ނާޅާ ފިލާފައެވެ. ބައެއް މީހުންގެ އަތުން އެ ކުންފުނިން ވަނީ 50،000 ރުފިޔާ ނަގާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނީ ފްލެޓް އެޅުމަށް ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ސީލައިފުން ރައީސް ޔާމީންގެ އެކައުންޓަށް 2014 ވަނަ އަަރުގެ މާޗުމަހުގެ ތެރޭގައި 15،000 ޑޮލަރު ޖަމާކޮށްދީފައިވާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަފުސީލެއެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

ރައީސް ޔާމީނަށް ސީލައިފުން 15،000 ޑޮލަރު ޖަމާކުރި މައްސަލައެއް ފެންމަތިވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެމްއެމްޕީއާރްސީން ވިއްކި ފަޅުތަކާއި ރަށްތަކުގެ އިކިއުޒޭޝަން ކޮސްޓާއި އަދި އެހެނިހެން ފައިސާ ޖަމާ ކުރަމުންދިޔަ އެސްއޯއެފް އެކައުންޓުން ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ހުކުމް އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނާނެއެވެ.