Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އިންޑިޔާއިން ގާޒީ ނިހާން ހިފަހައްޓައިފި

ކުރީގެ ޕީޕީއެމް ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިންމަނިކު ކަމަށް ހީކުރެވި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މާމިގިލި ކޯޓުގެ މެޖިސްޓްރޭޓަރުގެ މަގާމު އަދާކުރެއްވި އަހުމަދު ނިހާނު އިންޑިޔާއަށް ދިއުމުން އެއާޕޯޓުން ހިފަހައްޓައިފިއެވެ.

ބޭސް ފަރުވާއަކަށް ނިހާން އިންޑިޔާއަށް އިއްޔެ ކޮއްކޮއާއެކު ވަޑައިގަތުމުން އިމިގްރޭޝަނުން ވަނީ ހިފަހައްޓައި އެތެރެވިޔަ ނުދީ ވިއްސަކަށް މިނެޓު އެތާ ބަހައްޓާފައެވެ. ބައެއް މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިމިގްރޭޝަނުން ނިހާން ދޫކޮށްލީ، މިހާރު ޖޭޕީއާ ގުޅިފައިވާ ނިހާން ނޫންކަން ކަށަވަރުވުމުންނެވެ.

މިދިޔަ އަހަރު ކުރީގެ މެމްބަރު ނިހާން އިންޑިޔާއަށް ބޭސްފަރުވާއަށް ދިއުމުން އިމިގްރޭޝަނުން ވަނީ ހިފެހެއްޓުމަށް ފަހު އަނބުރާ ރާއްޖެ ފޮނުވާފައެވެ. އޭނާއަކީ އިންޑިޔާއަށް އެރުން މަނާ މީހެއް ކަމަށް އިމިގްރޭޝަނުން ބުނި ކަމަށް މިފަހަރު ހިފެހެއްޓި ގާޒީ ނިހާންގެ އާއިލީ މެމްބަރަކު ކިޔާދީފައިވާ ކަމަށް ޚަބަރު ލިބެއެވެ.

އެންމެފަހުން ދޫކޮށްލީ ގާޒީ ނިހާންގެ މެޖިސްޓްރޭޓް ކާޑު ދެއްކުމުންނެވެ. އިންޑިޔާ އިމިގްރޭޝަނުން ވަނީ އޮޅުން އެރުމުން މައާފަށް ވެސް އެދިފައެވެ. ނަން އެއްގޮތް ކަމުންނާއި ފޮޓޯ ދެއްކުމުންވެސް އެއްގޮތްކަމެއް އެމީހުންނަށް ފާހަގަކުރެވި ހިފެހެއްޓީ ކަމަށް ބުންޏެވެ.