Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

އެއްބަސްވުންތަކާއި ގުޅޭ ގޮތުން 252 ގާނޫނީ ލަފައެއް އޭޖީ ދީފި

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު --

ނިމިިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޓަރނީ ޖެނަރަލް (އޭޖީ) އޮފީހުން އެކި އެއްބަސްވުންތަކާ ގުޅޭ ގޮތުން 252 ޤާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ދައުލަތުގެ އެކި މުއައްސަސާތަކަށް އެއްބަސްވުންތަކާ ގުޅޭ ގޮތުން 252 ޤާނޫނީ ލަފާ ދީފައި ވަނީ ސަރުކާރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެ ތަފާސްހިސާބުތައް އެ އޮފީހުން މިއަދު ވަނީ އާންމުކުރައްވާފައެވެ.

އެގޮތުން އާ ސަރުކާރުގެ އެޓަނީ ޖެނަރަލްގެ މަގާމަށް އިބްރާހިމް ރިފްއަތު ވަޑައިގެންނެވިފަހުން އެކި ކަންކަމާ ގުޅޭ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 763 ޤާނޫނީ ލަފާ އެ އޮފީހުން ވަނީ ސަރުކާރުގެ އެކި އިދާރާތަކަށް ދީފައެވެ. މީގެ އިތުރުން 25 ބިލެއް ތަސްދީގު ކުރުމާ ގުޅޭ ގޮތުން އެ އޮފީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދީފައިވެއެވެ. އަދި ތަފާތު އެކި އެއްބަސްވުންތަކާ ގުޅޭ ގޮތުން 252 ޤާނޫނީ ދީފައިވާއިރު، އެކި ގަވާއިދުތަކާ ގުޅޭ ގޮތުން 97 ޤާނޫނީ ލަފާ ދެއްވާފައިވާކަން އެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާ ސަރުކާރަށް 10 މަހާއި 13 ދުވަސް ފުރުނުއިރު، އުޞޫލުތަކާ ގުޅޭ ގޮތުން އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ 48 ޤާނޫނީލަފާ ދީފައެވެ. އަދި ރާއްޖެ ބައިވެރިވާން އެދި ހުށަހެޅި 11 މުޢާހަދާއަކާ ގުޅޭ ގޮތުން ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ ޤާނޫނީ ލަފާ ދީފައެވެ.

ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ އެޓަރނީ ޖެނަރަލްގެ މަސްއޫލިއްޔަތެކެވެ. އަދި އެޓަރނީ ޖެނަރަލް މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ޤާނޫނުއަސާސީއަށާއި ޤާނޫނަށް ކަމަށް ވެސް ޤާނޫނުއަސާސީގެ ފަސް ވަނަ ބާބުގައި ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން އެޓަރނީ ޖެނަރަލް މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަކަށް ނުހިންގޭނެއެވެ.