އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހޭ ދުވަހެއްގައި އެ ސިޓީގެ ރަށްތަކުގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި ފެން ހިންދާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމައި ދިނުމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިދިޔަ ދެ ދުވަހުގެ ތެރޭގައި އައްޑޫއަށް ވަނީ ބޯކޮށް ވާރޭވެހި ގެއްލުންތަކެއް ގޭގެއަށް ވެފައެވެ. އެގޮތުން ބައެއް ގެތަކުން މީހުން ހުސްކޮށް އެހެން ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. އެކަމާއި ގުޅިގެން އެތައް ބަޔަކު ދިޔައީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ހާއްސަކޮށް މުޅި އައްޑޫ ސިޓީގައި ސަރުކާރަށް ނިސްބަތްވާ ހަތް މެންބަރުން ތިބޭއިރުވެސް ވާރޭ ވެހޭއިރަށް މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ނާންނާތީއެވެ.
ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ފެންބޮޑުވާ މައްސަލަ ހައްލުނުވެ ކުރިއަށް ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ފެންހިންދާ ނިޒާމު އަވަސްކޮށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަަށް ދަންނަވަން ކަމަށެވެ.
އައްޑޫގައި ފެން ހިންދާ ނިޒާމެއް ގާއިމް ކުރަން ފެށީ 2015ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އަދި އަދަށްވެސް އެ މަސައްކަތް ނިމިފައި ނުވުމަކީ އައްޑޫ ރައްޔިތުންގެ ޝަކުވާއެކެވެ. އައްޑޫގެ ފެން ހިންދާ ނިޒާމުގެ އިތުރުން އެ ސިޓީގެ މަގުތަކުގެ ހާލަތު ރަނގަޅު ކޮށްދިނުމަށް ވެސް އެތައް ރައްޔިތުންތަކެއް އަންނަނީ ގޮވަމުންނެވެ. ކޮންމެ ސަރުކާރެއް އައިސް އައްޑޫ ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވީ ނަމަވެސް ވެރިކަން ނިމިގެން ދަނީ ވައުދުވާ ކަންކަމުގެ ތެރެއިން ގިނަކަންކަން ނުވެއެވެ. ވައުދު ފުއްދިފައިވާ ކަންކަންވެސް ނިމިގެންދާއިރު އެކަންކަން ވެސް ވެގެން ދަނީ ރައްޔިތުންނަށް ބޮޑު ބުރައަކަށެވެ.