ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަލްހާނަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އުލްފާމަންޒިލް މުހައްމަދު ނަސީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ހުކުމް އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ހުކުމްގައި ބުނެފައިވަނީ އަލްހާނަށް ހަމަލާދިން ކަމަށް ނަސީމް އިންކާރުކޮށްފައިވީ ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެ ހަމަލާ ދީފައިވަނީ ނަސީމްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ކުށް ކަނޑައަޅާފައިވަނީ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށަށް ފަސް އަހަރު އަދި އެކަމުގައި ތޫނު އެއްޗެއް ބޭނުން ކޮށްފައިވާތީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
އަލްހާނަށް ހަމަލާދީފައިވަނީ 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާޓިފިޝަލް ބީޗުގައި އޭރު ހުރި ބްރޭކްވޯޓާ ރެސްޓޯރެންޓް ތެރޭގައި އިންނަވަނިކޮށެވެ.