Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ފަނޑިޔާރުން ގަޑިޖެހުމާއި ކޯޓަށް ހާޒިރުނުވުން ސުލޫކީ މައްސަލައަކަށް ހަދައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް --

ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ކޯޓަށް ހާޒިރުވާން ޖެހޭ ރަސްމީ ގަޑީގެ އެންމެ މިނެޓެއް ލަސްވިއަސް ގަޑިޖެހުނު ކަމަށް ބަލާ ގޮތަށް ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެގޮތުގެ އުސޫލު މިއަދު ގެޒެޓުކޮށްފި އެވެ.

މިއަދު ގެޒެޓުކުރި އުސޫލުގައި ފަނޑިޔާރުންގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އެވެ. އެއަށް ވުރެ އެންމެ މިނެޓެއް ލަހުން ހާޒިރުވި ނަމަވެސް، ފަނޑިޔާރުން ގަޑި ޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.

އުސޫލުގައި ބުނެފައިވަނީ މަސް ދުވަހުގެ ތެރޭގައި 15 ދުވަހު ގަޑި ޖެހިއްޖެ ނަމަ ނުވަތަ ތިން ދުވަހު ޖައްސަ ޖައްސައިގެން ހާޒިރުނުވެ ހުރެއްޖެނަމަ އެއީ ފަނޑިޔާރެއްގެ އަހްލާގީ މައްސަލައެއްގެ ގޮތުގައި ބެލިގެންދާނެ ކަމަށެވެ. އަދި އަހަރެއްގެ ތެރޭގައި 180 ދުވަހު ފަނޑިޔާރަކު ގަޑި ޖެހިއްޖެ ނަމަ ނުވަތަ 36 ދުވަހަށްވުރެ ގިނަ ދުވަހު ކޯޓަށް ހާޒިރުނުވެ ހުރެއްޖެނަމަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖޭއެސްސީއަށް ފޮނުވަން ވަނީ ލާޒިމް ކޮށްފައެވެ.

ނަމަވެސް އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ސަބަބުން، ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން ނުވަތަ ކަނޑުގަދަވުން ފަދަ މަގުބޫލު އުޒުރެއްގެ ސަބަބުން ގަޑިއަށް ހާޒިރުނުވެވުމަކީ ގަޑިޖެހުން ކަމުގައި ނުބެލެވޭނެ ކަމަށް އުސޫލުގައިވެއެވެ. އަދި އެފަދަ ހާލަތެއްގައި އެ ފަނޑިޔާރު ކޯޓަށް ހާޒިރުވާން ޖެހޭ ގަޑި ކަނޑައަޅާނީ އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރެވެ.

މި އުސޫލުގައި ބުނެފައިވަނީ ފަނޑިޔާރުންނަށް ވެސް ކޮންމެ އަހަރަކު މުސާރަ ލިބޭގޮތަށް ސަލާމުގެ ޗުއްޓީ ގޮތުގައި ލިބޭނީ 30 ދުވަސް ކަމަށެވެ. ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމް ބުނާނަމަ އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހެއެވެ.

ސިއްހީ ސަބަބަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެނަމަ މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅައެއްބައި ދޭގޮތަށް އެއް އަހަރަށް ވުރެ ދިގު ނޫން ޗުއްޓީއެއް ދެވިދާނެ އެވެ. އަދި އެ މުއްދަތު އިތުރުކުރަން ބޭނުންނަމަ އިތުރު ކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް މުސާރައާ އިނާޔަތެއް އޭރަކުން ނުލިބޭނެއެވެ.

މިއަދު ގެޒެޓް ކުރި އުސޫލުގައި ކޮންމެ ކޯޓަކުން ވެސް އެ ކޯޓެއްގެ ފަނޑިޔާރުންގެ ހާޒިރީ އާއި ސަލާމާއި ޗުއްޓީގެ ތަފްސީލް ހިމެނޭ ރިޕޯޓު ކޮންމެ މަހަކު އެއް ފަހަރު ޑީޖޭއޭ އަށް ފޮނުވަން ވަނީ ލާޒިމުކޮށްފަ އެވެ.